ޚަބަރު

ކެލާގެ 4 ސަރަހައްދެއް ޙިމާޔަތްކޮށްފި


ހއ. ކެލާގައި ޤުދުރަތީ ރީތިކަން ދައްކުވައިދޭ 4 ސަރަޙައްދެއް ހިމާޔަތްކޮށްފިއެވެ.

ހއ. ކެލާ ކައުންސިލުން ހިމާޔަށް ކުރުމަށް ނިންމާފައިވަނީ އެރަށު ކަނޑޫފާ، ކަނޑިންމަ، ގައުމުލި އަދި އެރަށުފަޅު ހިމެނޭ ސަރަޙައްދެވެ. ރާއްޖޭގެ ބޮޑެތި ކަނޑޫފާތަކުގެ ތެރޭގައި ހިމެނޭ ކެލާ ކަނޑޫފާއަކީ 22 ހެކްޓަރުގެ ބޮޑު ސަރަޙައްދެވެ. އަދި ކެލާ ކަނޑިންމަ ސަރަޙައްދަކީ ކޮންމެ އަހަރަކު ޑިސެމްބަރު މަހުން ފެށިގެން މާރޗް މަހާ ހަމަޔަށް ގިނަ ޢަދަދެއްގެ އެންމަޑިޔާއި މިޔަރު ފެންނަ ސަރަޙައްދެކެވެ. އެރަށު ގައުމުއްޔަކީ ކުދި މިޔަރާއި މަޑިއާއި އެހެނިހެން މަސްތައް ވިހައި އާލާވާ ސަރަޙައްދެކެވެ. އަދި ކެލާ ފަޅަކީވެސް ކުދިމަސްމަހާއިމެހި ވިހާ އާލާވެ އަދި ތަފާތު ވައްތަރުގެ މުރަކަ އާލާވާ ސަރަހައްދެކެވެ.

މި ސަރަޙައްދުތައް ހިމާޔަތްކުރުމަށް ކެލާ ކައުންސިލްގެ ޤަރާރަކުން ނިންމާފައިވާއިރު އަލަށް ޙިމާޔަތްކުރި ސަރަހައްދުތައް ތަރައްޤީކުރުމުގެ މަސައްކަތް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން ކުރާނެކަމަށް އެރަށުަ ކައުންސިލުން މައުލޫމާތުދެއެވެ.

ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަންފީޛުކުރާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.