ޚަބަރު

ޕީޕީއެމް މައުމޫނަށް ލިބިއްޖެނަމަ ކެނޑިޑޭޓުން ނެރޭނީ އެޕާޓީގެ ޓިކެޓުގައި - އެމްއާރްއެމް


ޕީޕީއެމްގެ މިލްކްވެރިފަރާތް ސާބިތު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރީގެ ރައީސް މައުމޫނާ އެއްކޮޅަށް ނިމިއްޖެނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެންޑިޑޭޓުން ނެރޭނީ ޕީޕީއެމްގެ ޓިކެޓުގައި ކަމަށް މައުމޫން ރިފޯމް މޫވްމަންޓް އެމްއާރުއެމް އިން ވިދާޅުވެއްޖެއެވެ.

މައުމޫން ޕީޕީއެމުން ވަކިކުރެއްވުމުން އެމަނިކުފާނު ބޭނުންފުޅުވާ ސިޔާސީ ހަރަކާތްތައް ހިންގެވުމަށް އުފައްދާފައިވާ އެމްއާރުއެމުން ވިދާޅުވީ މައުމޫންގެ ތާޢީދާއެކު އިންތިޚާބީ އަށްޑިހަ ދާއިރާއަކަށް ވާދަކުރެއްވުމަށް ސަތޭކަ އަށް މީހަކު އެދިފައިވާ ކަމަށާއި އެހެން ނަމަވެސް މަޖިލީހަށް ވާދަކުރުމަށް ޓިކެޓް ދޭނެ މީހުން ކަނޑައަޅާނީ އިންޓަވިއު ކުރުމަށްފަހު ކަމަށެވެ.

އެމްއާރްއެމުން ވިދާޅުވީ ޕީޕީއެމްގެ މިލްކްވެރިފަރާތް ކަނޑައެޅުމަށް ސުޕްރީމް ކޯޓުގައި އޮތް މައްސަލަ މައުމޫނާ އެއްކޮޅަށް ނިމި، އެމަނިކުފާނަށް ޕީޕީއެމް ލިބިއްޖެނަމަ، މައުމޫންގެ ތާޢީދާއެކު މަޖިލީހަށް ވާދަކުރާ ހުރިހާ ފަރާތްތަކުންވެސް ނުކުންނާނީ ޕީޕީއެމްގެ ޓިކެޓުގައި ކަމަށެވެ. އަދި އެނޫން ޙާލަތެއް މެދުވެރިވެއްޖެނަމަ، މައުމޫނުގެ ތަޢީދާއެކު ނުކުންނަ ކެނޑިޑޭޓުން ވާދަކުރައްވާނީ މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ކަމަށް އެމްއާރުއެމް އިން ވިދާޅުވެއެވެ.

ޕީޕީއެމްގެ މިލްކްވެރިކަން ލިބިއްޖެނަމަ ޕާޓީގެ ޓިކެޓް ދިނުމުގެ ވިސްނުން މައުމޫން ގެންގުޅުއްވާއިރު، މަޖިލިސް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ބައެއް ފަރާތްތަކަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ މިހާރުގެ ރައީސް ޔާމީން ވަނީ ޕްރައިމަރީއަކާއި ނުލައި ޓިކެޓް ދެއްވާފައެވެ.

ޕީޕީއެމްގެ ޢާއްމު މެމްބަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، ޕާޓީ ހިންގެވުމުން މައުމޫން އެކަހެރި ކުރެއްވީ ޤާނޫނުތަކާއި ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ކަމަށް ބުނެއެވެ. ސިވިލް ކޯޓުގައި އޮތް މައްސަލަ ސުޕްރީމް ކޯޓަށް ނެގުމަށް ފަހު އެމައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މިދިޔަ ހޯމަދުވަހު ސުޕްރީމް ކޯޓުގައި ވަނީ ބާއްވާފައެވެ.

ސުޕްރީމް ކޯޓުން ޕީޕީއެމްގެ މައްސަލަ ބަލަމުން އަންނަނީ، އެ ޕާޓީގެ ހިންގުން މައުމޫނާ ޙަވާލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލް އެކޯޓަށް ނަގައިގެންނެވެ. އެމައްސަލައިގެ ތެރެއަށް މައުމޫން ވަނީ ތަދައްޚުލްވެވަޑައިގެންފައެވެ.