ކުޅިވަރު

މިފަހަރުގެ މުބާރާތް އެއްވެސް ޓީމަކަށް ފަސޭހައެއް ނުވާނެ: ނިއުރޭޑިއަންޓް


އަންނަ މަހުގެ ތިންވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރަން އެއްވެސް ޓީމަކަށް ފަސޭހަނުވާނެކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޒުވާން ޓީމުގެ ކޯޗު މުއާވިޔަތު އިލްހާމް ބުނެފި އެވެ.

މުބާރާތަށް ނިއުރޭޑިއަންޓް ވަމުންދާ ތައްޔާރިތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ސްޕޯޓްސް އަށް މައުލޫމާތުދެމުން މުއާވިޔަތު ބުނީ، މުބާރާތަށް ތައްޔާރުވުމަށް ލިބުނު ވަގުތު ވަރަށް ކުޑަކަމަށާއި އެހެންނަމަވެސް މުބާރާތަށް ނެގުނު ޓީމާއެކީ ރަގަޅު ނަތީޖާއެއް ނެރެވޭނެކަމަށް އުއްމީދު ކުރާކަމަށެވެ. އެގޮތުން ނިއު ކަހަލަ ޓީމެއް އަބަދުވެސް ނިކުންނާނީ ތަށި ހޯދަން ކަމަށް ކޯޗު ބުންޏެވެ.

"މިފަހަރު މުބާރާތް އެއްވެސް ޓީމަކަށް ފަސޭހައެއް ނުވާނެ ކާމިޔާބުކުރާކަށް. ދެން އަސްލު ވަރަށް ކުޑަ ވަގުތުކޮޅެއް ލިބިފައި މި އޮތީ މުބާރާތަށް ތައްޔާރުވުމަށް. އެކަމަކު ނިއުގައި މިއޮތް ސްކޮޑާއިމެދު ވަރަށް ހިތްހަމަޖެހޭ. ނިއު ކަހަލަ ޓީމެއް އަބަދުވެސް ނުކުންނާނީ ތައްޓަށް". މުއާވިޔަތު ބުންޏެވެ.



އޭ.އެފް.ސީ އޭ ލައިންސަންސްވެސް އޮންނަ މުއާވިއަތު އިތުރަށް ވާހަކަ ދައްކަމުން ބުނީ، މި މުބާރާތުގައި ޓީމުތަކަށް ކުޅެން ލިބޭ މެޗުތަކުގެ އަދަދު އިތުރުވާން ޖެހޭކަމަށާއި، އަދި މިފަދަ މުބާރާތްތައްވެސް ގިނަގިނައިން ބާއްވަން ޖެހޭކަމަށެވެ. އެހެން ނޫނީ ޒުވާން ކުޅުންތެރިންގެ ފެންވަރު ކުރިއަރައިގެން ނުދާނެކަމަށް މުއާވިޔަތު ބުންޏެވެ.