ޚަބަރު

ބްރެކްސިޓް ޑީލަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ރުހުމެއް ނުލިބުނު


ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިކުރުމާ ބެހޭގޮތުން ދެ ފަރާތުން ޤާއިމުކޮށްފައިވާ އެއްބަސްވުމަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ރުހުންހޯދުމަށް ނެގި ވޯޓުގައި، އިނގިރޭސި ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ. ތަފާތު ބޮޑު ނަތީޖާއަކުން އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭގެ ބްރެކްސިޓް ޑީލް ނާކާމިޔާބުކޮށްލާފައިވާއިރު، އެކަމަނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު ލޭބަރ ޕާޓީން ދަނީ ތައްޔާރުވަމުންނެވެ.

މާރިޗު މަހުގެ 29 ވަނަ ދުވަހުގެ ކުރިން އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމާ ބެހޭގޮތުން ދެ ފަރާތުން ކުރި މަޝްވަރާތަކަށް ފަހު އެކުލަވާލި އެއްބަސްވުމަށް ރުހުން ދިނުމަށް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި އަންގާރަ ދުވަހު ނެގި ވޯޓުގައި މި އެއްބަސްވުމާ ދެކޮޅަށް ހަތަރު ސަތޭކަ ތިރީސް ދެ މެމްބަރުން ވޯޓުލާފައިވެއެވެ. މި އެއްބަސްވުމަށް ރުހުންދީފައިވަނީ ޤާނޫނު ހަދާ މަޖިލީހުގެ ދުއިސައްތަ ދެ މެމްބަރުންނެވެ. އަންގާރަ ދުވަހުގެ ވޯޓުގައި އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންސަވޭޓިވް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސަތޭކައަށްވުރެ ގިނަ މެމްބަރުންވެސް ވަނީ މޭ އާއި އީޔޫއިން އެކުލަވާލި އެއްބަސްވުމާ ދެކޮޅަށް ވޯޓުލާފައެވެ. މިއީ އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ތާރީޚުގައިވެސް އެ މަޖިލީހަށް އިނގިރޭސި ސަރުކާރުން ހުށަހެޅި ޤަރާރެއް، އެންމެ ތަަފާތުބޮޑުކޮށް ނާކާމިޔާބުކޮށްލި ފަހަރެވެ.

ވޯޓު ނެގިތާ މާ ގިނައިރުތަކެއް ނުވެ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭ ވަނީ ޤާނޫނު ހަދާ މަޖިލީހާ މުޙާތަބްކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. މޭ ވިދާޅުވީ، މި އަންގާރަ ދުވަހު ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުން އެނގެނީ މި އެއްބަސްވުމަށް ޤާނޫނު ހަދާ މަޖިލީހުގައި އެއްވެސް ތާޢިދެއް ނެތްކަން ކަމަށާއި، އެހެންނަމަވެސް މި ވޯޓުން ޤާނޫނު ހަދާ މަޖިލީހުން ތާއީދު ކުރާނީ ކޮން ކަމަކަށް ކަމެއް ނޭނގޭކަމަށެވެ. މޭ ވިދާޅުވީ، ޤާނޫނު ހަދާ މަޖިލީހުގެ މި ނިންމުމުގެ ސަބަބުން 2016 ވަނަ އަހަރު އިނގިރޭސި ރައްޔިތުން ދިން ފެންނަ ނުފެންނަ ވޯޓުގެ ނަތިޖާއަށް އިހްތިރާމް ކުރާނެ ގޮތެއް އަދި، އެ މަޖިލީހުން 2016ގެ ވޯޓުގެ ނަތީޖާއަށް އިހްތިރާމް ކުރާނެކަމެއްވެސް ޔަޤީން ނުވާކަމަށެވެ.

އިނގިރޭސި ސަރުކާރުން ބުނެފައިވަނީ މިހާރު ޤާއިމުކޮށްފައިވާ އެއްބަސްވުމަށް ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ނުލިބުނު ކަމުގައިވިޔަސް، ކުރިއަށް އޮތްތަނުގައި ދެން އެކުލަވާލާ އެއްބަސްވުމެއްގެ އަސާސެއްގެ ގޮތުގައި ނާކާމިޔާބުވި އެއްބަސްވުން ބޭނުންކުރެވޭނެކަމަށެވެ.

އަންގާރަ ދުވަހުގެ ވޯޓަށް ފަހު އިނގިރޭސިވިލާތުގެ ބޮޑު ވަޒީރަށް މި ވަނީ އިތުރު ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އެ ގޮތުން ވޯޓަށް ފަހު އިދިކޮޅު ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން މިވަނީ، މޭއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ހުށަހަޅާފައެވެ.

މި ވޯޓު ބުދަ ދުވަހުގެ ވަގުތެއްގައި ނެގުމަށް ނިންމާފައިވާއިރު އިނގިރޭސި ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ މޭ އާ ދެކޮޅަށް އެ ވޯޓު ފާސްނުވާނެކަމަށެވެ. މި ގޮތުން، ވިލާތުގެ އިއްތިހާދުން ވަކިވުމާ ބެހޭ އެއްބަސްވުމަށް އޭނާގެ ކޮންސަރވެޓިވް ޕާޓީގެ މެމްބަރުން ވޯޓު ނުދެއްވި ނަމަވެސް، ސަރުކާރާ ދެކޮޅަށް ނަގާ އިތުބާރު ނެތްކަމުގެ ވޯޓެއްގައި އެ މެމްބަރުން މޭއަށް ތާއީދުކުރައްވާނެ ކަމަށް ބުނެފައިވާ ކަމަށްވެސް މުރާސިލުން ވަނީ ބުނެފައެވެ.