ތ. ތިމަރަފުށީ އެއަރޕޯޓަށް ފުރަތަމަ ފަހަރަށް ރޭގަނޑު މަތިންދާބޯޓު ޖައްސަން ފަށައިފިއެވެ.
ތިމަރަފުށި އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ ޖައްސާފައިވަނީ މޯލްޑިވިއަންގެ މަތިންދާބޯޓެކެވެ. މިދަތުރުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރު، އަހުމަދު ޒުހެއިރާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އާއި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
ތިމަރަފުށި އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމާ ގުޅިގެން، ތިމަރަފުށީ އެއަރޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ރިޒްވީ ވިދާޅުވީ ތިމަރަފުށްޓަށް ރޭގަނޑު ދަތުރުތައް ފެށުމާއިއެކު އިޤްތިސާދީގޮތުން ތިމަރަފުށްޓަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ގެސްޓްހައުސްތަކާއި ރިސޯޓުތަކަށާއި މީގެއިތުރުން އަތޮޅުތަކުގެ އެކި ވިޔަފާރިތައް އިތުރަށް ކުރިއަރައިގެންދާނެކަމަށް ރިޒްވީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރިއަށްއޮތް ތާނގައި މި ވިސްނަނީ ރޭގަނޑު އިތުރު ފްރިކުއެންސީއަކާއި އެކީ ކުރިއަށްދާން. ހަމައެޔާއެކު އަޅުގަނޑު ޤަބޫލުކުރަނީ ރޭގަނޑުގެ ދަތުރުތައް ފެށުމާއެކު ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް. މީގެ އތުރުން އަޅުގަނޑުމެން ރޭގަނޑު އޮޕަރޭޝަންއެއް ކުރިއަށްގެންދާއިރު އިތުރު ވަޒީފާތައް އަދި އިތުރު ފައިދާތައް ލިބިގެންދާނެ." މުހައްމަދު ރިޒްވީ ވިދާޅުވިއެވެ.
ތ.ތިމަރަފުށީ އެއަރޕޯރޓް ރަސްމީކޮށް ހުޅުވާފައިވަނީ 2013 ވަނަ އަހަރުއެވެ. އެހެންނަމަވެސް އެއަރޕޯޓް ރަންވޭގައި ލައިޓް ނެތުމާއެކު އެއަރޕޯޓް ހުޅުވިފަހުން މިވީ ފަސް އަހަރުގެ ތެރޭގައި ރޭގަނޑު ފްލައިޓް ޖައްސާފައެއް ނުވެއެވެ.
ތިމަރަފުށީ އެއަރޕޯޓަކީ ތ.އަތޮޅުގައި މިވަގުތު އޮޕަރޭޓްކުރަމުންދާ ހަމައެކަނި އެއަރޕޯޓެވެ. އެހެންކަމުން ރޭގަނޑު ފްލައިޓްތަކުގެ ދަތުރުތައް ފެށުމާއެކު ތ. އަތޮޅުގެ ދަތުރުކުރާ މީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްގެން 32 މިލިއަން ރުފިޔާއަށް ތަރައްޤީކޮށްފައިވާ މި އެއަރޕޯޓުގެ ރަންވޭއަކީ 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެކެވެ.