ޚަބަރު

"ކޮރަލް ބޮލެވާޑް" ފްލެޓްތައް ހުޅުމާލެއަށް ބަދަލުކުރަނީ


ރަސްފަންނު ސަރަހައްދުގައި ތަރަޢްޤީކުރާ "ކޮރަލް ބޮލެވާޑް" ފްލެޓްތައް ހުޅުމާލެއަށް ބަދަލުކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ޓަވަރުތައް ހުޅުމާލެއަށް ބަދަލުކުރުމަށް، އެޓަރނީ ޖެނެރަލްގެ ލަފަޔަކަށް އެދި މިހާރުވަނީ ހުށައަޅާފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ސަރުކާރުން އަދި އެއްވެސް މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

މާލޭގެ ހުޅަނގުފަރާތު ރަސްފަންނު ސަރަޙައްދަކީ ހިތްފަސޭހަ ސަރަޙައްދެއްގެ ގޮތުގައި ކުރީ ސަރުކާރުން ތަރައްޤީކޮށްފައިވާ ސަރަޙައްދެކެވެ. ނަމަވެސް ހިރިޔާ ސްކޫލާއި، ސޯޝަލް ސެންޓަރ ފުރަގަހުގައި އޮންނަ ބިމުގައި، 28 ބުރީގެ 4 ޓަވަރު އެޅުމަށް ސަރުކާރުން ވަނީ ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުއަށް ބިން ހުސްކޮށް، އެ ސަރަޙައްދު ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަދި އިމާތާރާތް ކުރުމުގެ މަސައްކަތް ފަށާފައެއް ނުވެއެވެ.

މި ތިން ޓަވަރުގައި ހިމެނެނީ 533 އެޕަރޓްމަންޓާއި، 288 ހޮޓެލް ރޫމެވެ. މި ޓަވަރުތަކުގައި 5 ތަރީގެ އެޕަރޓްމަންޓް ހިމެނޭއިރު، ރެސްޓޯރަންޓްތަކާއި ޝޮޕިންގ މޯލާއި، ޕާކު ކުރުމަށް ޚާއްސަ ފަންގިފިލާތައްވެސް ހިމެނެއެވެ.

ކޮރަލް ބޮލެވަރޑުންވަނީ ޓަވަރުތަކުގައިގައި ހިމެނޭ އެޕަރޓްމަންތައް ވިިއްކަންވެސް ފަށާފައެއެވެ.

ސަރުކާރުންވަނީ ރާއްޖޭގެ އިޤްތިސާދާ ގުޅުންހުރި ބޮޑެތި މަޝްރޫޢުތަކާއި، ހަދާފައިވާ ކޮންޓްރެކްޓްތައް މުރާޖާކުރުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެތެރޭގައި ހިމަނާފައެވެ. އަދި މި މަސައްކަތަށް ޚާއްސަ ކޮމިޓީއެއްވެސްވަނީ އެކުލަވާލާފައެވެ.