ވިޔަފާރި

ސީ ސްޕޯޓްސްގެ އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި


ރާއްޖޭގައި ފުޅާދާއިރާއެއްގައި މޫދު ކުޅިވަރު ކުޅުމަށް ބޭނުންވާ ސާމާނު ވިއްކާ، ސީ ސްޕޯޓްސްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މޫދު ކުޅިވަރުތަކަށް ހާއްސަ ބްރޭންޑްތަކުގެ މުދާ ވިއްކާ މި ފިހާރައަކީ ސީ ސްޕޯޓްސްގެ ތިން ވަނަ ފިހާރައެވެ. ހުޅުމާލެ ނިރޮޅު މަގުގެ 3 ވަނަ ގޯޅީގައި ހުންނަ މިފިހާރަ ހުޅުވާފައިވަނީ މިއަދު ހަވީރު އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

ޕީއެސްއެމްއަށް މައުލޫމާތުދެމުން ސީ ސްޕޯޓްސްގެ އޮޕަރޭޝަންސް މެނޭޖަރ މުހައްމަދު އައްޒާމް ވިދާޅުވީ މި ފިހާރައަކީ ސީ ސްޕޯޓްސްއިން ވިއްކާ ބްރޭންޑްތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު، ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް ހާއްސަކޮށް، ފަސޭހަކަމާއެކު އެ ބްރޭންޑްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހުުޅުވި ފިހާރައެއް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ހުޅުވި ފިހާރާއިން މާލެއާ އެއް އަގެއްގައި ސީ ސްޕޯޓްސްގެ ބްރޭންޑްތަކުގެ މުދާ ލިބެން ހުންނާނެކަމަށް އައްޒާމް ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުޅުވި ސީ ސްޕޯޓްސްގައިވެސް، ކަސްޓަމަރުންގެ މެދުގައި މަގުބޫލު، ރީފް އަދި ވޮލްކޮމް ބްރޭންޑްގެ ފައިވާނާއި އަންނައުނާއި ދަބަހުގެ އިތުރުން މޫދު ކުޅިވަރަށް ހާއްސަ ސްވިމް ވެއަރ އަދި ސާރފް ބޯޑާއި ބޮޑީ ބޯޑްވެސް ލިބެން ހުންނާނެއެވެ.

ސީ ސްޕޯޓްސްއިން މަޢުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ފިހާރަ ހުޅުވާފައިވާ މާހައުލާއި ކަސްޓަމަރުންގެ ޑިމާންޑަށް ބެލުމަށްފަހު މޫދު ކުޅިވަރުގެ ސާމާނަށް ހާއްސަކުރުމަށް ވިސްނަމުންދާކަމަށެވެ.