ޚަބަރު

އައްޑޫސިޓީގައި ޓްރާންސްޕޯރޓް މިނިސްޓްރީން ދޭ ޚިދުމަތްތައް އައްޑޫސިޓީ ކައުންސިލާ ހަވާލުކޮށްފި


އައްޑޫސިޓީގައި ޓްރާންސްޕޯރޓް މިނިސްޓްރީން ދެމުންގެންދިޔަ ޚިދުމަތްތައް ރަސްމީކޮށް އައްޑޫސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.

ޓްރާންސްޕޯރޓް މިނިސްޓްރީގެ އައްޑޫސިޓީގެ އޮފީހުގެ މަސައްކަތްތައް އައްޑޫސިޓީ ކައުންސިލާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލްގައި ގައި ބޭއްވި ބައްދަލުވުމެއްގައި ޓްރާންސްޕޯރޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލްއެވެ.

މި ބައްދަލުކުރެއްވުމުގައި ސްޓޭޓް މިނިސްޓަރގެ އިތުރުން ޓްރާންސްޕޯރޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ރަފީއުއާއި އެސިސްޓެންޓް ޑިރެކްޓަރ ނަޒީރު ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އައްޑޫ ސިޓީގައި ޓްރާންސްޕޯރޓް އޮތޯރީޓީގެ މަސައްކަތް ވަކި އޮފީހެއްގައި ފެށުމުގެ ކުރިންވެސް، އެތަނުން ކުރަމުންދިޔަ މަސައްކަތްތައް ކުރަމުން އައީ އައްޑޫސިޓީ ކައުންސިލުން ކަމަށެވެ. އަދި ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި ސަރުކާރުގެ ވިސްނުން ހުރީ ހުރިހާ ކަމެއް ރައްޔިތުންނަށް ގާތުން ފޯރުކޯށްދެވޭނެ ގޮތަށް ފަހިކޮށްދިނުމަށް ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އައްޑޫ ސިޓީގައި ދެމުންގެންދިޔަ ޚިދުމަތްތައް އައްޑޫ ސިޓީ ކައުންސިލާ ހަވާލުކުރުމުން، އައްޑޫ ސިޓީގެ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ރަޖިސްޓްރޭޝަނާއި ލައިސަންސްދިނުމުގެ މަސައްކަތް ދެން ކުރަމުންދާނީ އައްޑޫ ސިޓީ ކައުންސިލުންނެވެ. އަދި އައްޑޫ ސިޓީގެ ސީ އަދި ރޯޑް ވަރސިނަސް ހައްދައިދިނުމާއި އެ މަސައްކަތުގެ ބެލެނިވެރިފަރާތަކީވެސް އައްޑޫ ސިޓީ ކައުންސިލް ކަމަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާއި މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ 5 އަހަރު ރައީސުލްޖުމްހޫރިއްޔާ ހިފަހައްޓާފައިވާ ހުރިހާ ބާރަކާއި މަސައްކަތްތައް އަނބުރާ ކައުންސިލްތަކަށް ދޫކޮށްލެއްވުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވައުދުވެވަޑައިގެންފައިވާ މުހިންމު ކަމެކެވެ. އެގޮތުން ސިޓީ ކައުންސިލްގެ ބާރުތަކުގެ ތެރެއިން އެކި މިނިސްޓްރީތަކަށް ނަގާފައިވާ ބާރުތައް އަނބުރާ ސިޓީ ކައުންސިލްތަކަށް ދޭން ނިންމާ ސަރުކާރުން ވަނީ އެކަން ތަންފީޒް ކުރައްވަން ފަށްޓަވާފައެވެ.