ކުޅިވަރު

އަތޮޅުތެރޭގެ ޓީމުތައް ބައިވެރިވުމަކީ މުބާރާތުގެ ފޯރި ގަދަވާނެކަމެއް - ސުޒައިރު


މިއަހަރުގެ ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެތެރޭގެ ޓީމުތައް ބައިވެރިވުމަކީ މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމެއްކަމަށް މާޒިޔާގެ ޒުވާން ޓީމުގެ ކޯޗު އަހުމަދު ސުޒައިރު )ކޮއްކޮ( ބުނެފި އެވެ.

އަންނަ މަހުގެ ތިންވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް މާޒިޔާ ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ސްޕޯޓްސް އަށް މައުލޫމާތުދެމުން ސުޒައިރު ބުނީ، މިދިޔަ އަހަރުގެ ޔޫތް ޗެންޕިއަންޝިޕްގައި ބައިވެރިވީ މާލޭގެ އެންމެ ހަތަރު ޓީމު ކަމަށާއި ނަމަވެސް މި އަހަރު އެ އަދަދު އިތުރުވެގެންދިއުން މިއީ މުބާރާތަށް ލިބުނު ކުރިއެރުމެއްކަމަށެވެ.

ސުޒައިރު ބުނީ މިދިޔަ އަހަރުގެ މުބާރާތް ނަވާރަ އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދިޔުމަށްފަހު މި އަހަރުގެ މުބާރާތް އެކާވީސް އަހަރުންދަށުގެ މުބާރާތަކަށް ހެދުން މިއީ އެފް.އޭ.އެމް އިން ކުރި ވަރަށް ރަގަޅު ކަމެއް ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު މާޒިޔާގެ ޒުވާން ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންނަށް މި އަހަރުގެ މުބާރާތުގައި ކުޅުމުގެ ފުރުސަތުވެސް ލިބިގެންދާނެކަން ސުޒައިރު ފާހަގަކުރިއެވެ. ސުޒައިރު ބުނީ ޓީމް އެކުލަވާލުމަށް ހަތް ދުވަހުގެ ސެލެކްޝަންއެއް ކުރިޔަށްގެންދެވުނު ކަމަށާއި، ނަމަވެސް މިދިޔަ އަހަރުގެ ސްކޮޑްގައި ތިބި ކުޅުންތެރިންނަށްވުރެ ވަކި މޮޅު ކުޅުންތެރިއެއް ފެނިފައިނުވާކަމަށެވެ

މީގެ އިތުރުން ސުޒައިރު ބުނީ މުބާރާތަށް މާޒިޔާގެ ސްކޮޑް މިހަފްތާ ތެރޭގައި ފައިނަލް ކުރާނެކަމަށެވެ. އަދި މިދިޔަ އަހަރުގެ ސްކޮޑްއަށްވުރެ މިއަހަރުގެ ސްކޮށް ވަރުގަދަ ވާނެކަމަށްވެސް ސުޒައިރު ބުންޏެވެ.