ކުޅިވަރު

ފުޓުބޯޅަ ފޯރި ގަދަކުރަން އިލްމީ ދިރާސާއެއް ކުރަން ޖެހޭ - މައުރޫފް


ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ގަދަކުރުމަށް އިލްމީ ދިރާސާއެއް ކުރަންޖެހޭކަމަށް ކުރީގެ ގައުމީ ކީޕަރު މަޢުރޫފް އަހުމަދު ބުނެފިއެވެ.
ދިވެހި ފުޓްބޯޅައިގައި ކުރީގައި އޮތް ފޯރި ގެނައުމާއި ބެހޭގޮތުން ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަދައްކަމުން މަޢުރޫފް އަހުމަދު ބުނީ 90ގެ ކުރީކޮޅު ނުވަތަ 80ގެ ކުރީކޮޅުގައި ދިވެހި ފުޓްބޯޅައަށް އޮތް ފޯރި ގެނައުމަށް މިހާރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެޒަމާނުގައި ކޮންމެ މެޗްއަކަށް ދަނޑު ފުރިގެންދާއިރު، ދަނޑު ފުރިގެން ގޮސް ދަނޑަށް ނުވަދެވި އެތަށްބައެއް ދަނޑު ބޭރުގައިވެސް ހުންނަންޖެހޭކަން މައުރޫފް ފާހަގަކުރިއެވެ.
މަޢުރޫފް ބުނީ ރާއްޖެ ތަރައްގީ ވެގެންގޮސް ފުޓްބޯޅައަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. 90 އަދި 80ގައި މާގިން ކަންތަށްތަކެއް ކުރަން ނޯންނައިރު، އެޒަމާނުގައި ފިރިހެންނުންނާއި އެއްވަރަށް އަންހެންހުންވެސް ދަނޑަށް ވަންނަވަރު މަދުނުވާނެކަން މައުރޫފް ފާހަގަކުރިއެވެ. ނަމަވެސް ޒަމާން ބަދަލްވެ، މީހުން ކުރަން ބޭނުންވާ ކަންތަށްތަށް ގިނަވެ، ދަނޑަށް ވަންނަންޖެހޭ ސަބަބުވެސް މިހާރު މީހުން ހޯދާކަމަށް މަޢުރޫފް ބުންޏެވެ.
މައުރޫފް ބުނީ، ފުޓްބޯޅައިގައި ގިނަ ދުވަހު އުޅުނު މީހެއްގެ ހައިސިއްޔަތުން މިހާރު ދަނޑު ހުސްކޮށް އޮންނަތަން ފެނުމަކީ އެހާ ބަލާހިއްވާ މަންޒަރެއް ނޫންކަމަށާއި މިކަމުގެ އެކްސްޕާޓުންލައްވާ އިލްމީ ދިރާސާއެއް ކުރަންޖެހޭކަމަށެވެ. މައުރޫފް ބުނީ މިއީ މިހާރުން މިހާރަށްވެސް ކުރަންޖެހޭކަމެއްކަމަށެވެ.
ފުޓްބޯޅަވެސް ކުރިއަރައިގެން ގޮސް އެފްއޭއެމްގެ ހިންގުމަށްވެސް ބަދަލްތަކެއް އައިސްފައިވާކަމަށާއި ކުލަބް ޖަމިއްޔާތަކާ ބެހޭ ގަވާއިދުތަށް ވުޖޫދަށް އައިސް ފުޓްބޯޅައިގައި ތެރެއަށް ވަރަށް ބޮޑަށް ފައިސާގެ ނުފޫޒްވެސް ވަދެފައިވާކަމަށް މަޢުރޫފް ބުންޏެވެ.

"ފުޓްބޯޅަ ފުޅާވެގެން ގޮސް އަތޮޅު ތެރޭގައި މުބާރާތަށްވެސް ކުޅެން ފަށައިފި. އަތޮޅު ތެރޭގެ ކުދިން މާލެ އައިސް ފުޓްބޯޅަ ކުޅެން ފަށައިފި. މީޑިޔާވެސް ވަރަށް ބޮޑަށް ފުޅާވެއްޖެ. މިހާރު ގޭގައި އޮވެގެން އަޅުގަނޑުމެންގެ ފުޓްބޯޅައަށް ވުރެއް މާ ބަލާހިއްވާ ފުޓްބޯޅަ އެންމެ ފިތަކުން އެބަ ބަލާލެވޭ. ސޯޝަލް މީޑިޔާވެސް ފުޅާވެގެން ހިގައްޖެ. ދަނޑަށް ވަންނަން ބޭނުންވާ އުމުރުފުރާގެ ކުދިންވެސް ގިނަވެއްޖެ. އެޒަމާނުގައި އެމުރުފުރާގެ އެކުދިންގެ މާޖާކުރަން ބޭނުންވާ ކަންތަށްތަކާއި މިހާރު އެއުމުރުފުރާގެ ކުދިން މަޖާކުރަން ބޭނުންވާ ކަންތަށްތަށްވެސް މިހާރު ތަފާތުވެއްޖެ. މިކަންތަށްތަކަށް އަޅުގަނޑުމެން އެބަޖެހޭ ބަލާ ދިރާސާއެއް ހަދަން" ކުރިން ގައުމީ ޓީމްގެ ގޯލް ބެލެހެއްޓި މައުރޫފް ބުންޏެވެ.

މިހާރު ކުލަބްތަށް ހިންގާ ފަރާތްތަކާއި ސްޕޮންސަރުންނަށްވެސް އިލްމީ ދިރާސާއެއްކޮށް މީގެ ބޮޑު މަންޒަރު ދައްކުވައިދޭން އެބަޖެހޭކަމަށް މަޢުރޫފް ބުނި. އަދި މިފަދަ އިލްމީ ދިރާސާއެއް ކުރަންވަނީ އޭގެ އެކްސްޕާރޓުން ލައްވާކަމަށްވެސް ކުރީގެ ގައުމީ ކީޕަރު މަޢުރޫފް އަހުމަދު ބުންޏެވެ.