ޚަބަރު

ބީ.އެމް.އެލްގެ މުވައްޒަފުންތަކެއް ފައިސާތަކަކަށް ޚިޔާނާތްތެރިވި މައްސަލައެއް ބަލަނީ


ބެންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންތަކެއް ބެންކުގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލައެއް އެ ބެންކުން ބަލަން ފަށައިފިއެވެ.

ބީއެމްއެލްގެ މުވައްޒަފުންތަކެއް އެ ބެންކުގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލައެއް ތަހުޤީޤްކުރަން ފަށާފައިވާއިރު އެކަމާއިގުޅޭ މާބޮޑު ތަފްސީލެއް އެ ބެންކުން ދީފައެއް ނުވެއެވެ. ނަމަވެސް ބީއެމްއެލްއިން އެފަދަ މައްސަލައެއް ތަހުޤީޤުކުރާކަން ދޮގެއްނުކުރެއެވެ.

ބޭންކުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް، މުޙައްމަދު ސައީދު ވިދާޅުވީ އެއްވެސް މުވައްޒަފަކު ޤަވައިދާ ޙިލާފުކަމެއް ކޮށްފިނަމަ ތަހުޤީޤީ އިދާރާތައް މެދުވެރިކޮށް އެކަން ތަހުޤީޤުކޮށް އަޅަންޖެހޭ ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ. އަދި ބޭންކުގައި ހިނގާފާނެ އިހުމާލެއް ދެނެގަތުމަށް ހަރުދަނާ ޤަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓަރނަލް ކޮންޓްރޯލްތައް ބޭންކުގައި ޤާއިމްކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި ބެންކުގެ މުވައްޒަފުންތަކެއް ހިޔާނާތްތެރިވި ފައިސާގެ އަދަދު އުޅެނީ 7 މިލިއަނާއި 8 މިލިއަން ރުފިޔާއާ ދެމެދުއެވެ. އަދި މިކަމުގައި ބައިވެރިވެފައި ވަނީ ބެންކުގެ މަދު މުވައްޒަފުންތަކެއްކަމަށް ޕީއެސްއެމްއަށް މައުލޫމާތުލިބިފައިވެއެވެ.