ޚަބަރު

ހުކުރު މިސްކިތު ވަށާފާރުން ބައެއް ތަޅާލި މައްސަލަ ބަލަނީ


މާލޭގެ ހުކުރު މިސްކިތުގެ ވަށާފާރުން ބައެއް ތަޅާލި މައްސަލަ ހެރިޓޭޖް މިނިސްޓްރީގެ ސަމާލުކަމަށްއައި، އެމައްސަލަ ބަލަން ފަށައިފިއެވެ.

ވީނުވީއެއް ނޭނގި މާލޭ ހުކުރު މިސްކިތުގެ ވަށާފާރުން ބައެއް ތަޅާލި މައްސަލަ ހެރިޓޭޖް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވަނީ މިއަދު ހަވީރުއެވެ. މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ ހުކުރު މިސްކިތަކީ ޔުނެސްކޯގެ ދުނިޔޭގެ ތަރަކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ދިވެހިންގެ އަގުހުރި ސަޤާފީ ތަރިކައެއް ކަމަށާއި މިފަދަ ތަންތަނަށް މިގޮތަށް ބަދަލުގެނެވިގެން ނުވާނެ ކަމަށެވެ. އަދި މިކަން ބަލައިދިނުމަށް މިނިސްޓަރ ޔުމްނާ ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ ހުކުރު މިސްކިތުގެ ފާރުގެ ބައެއް ތަޅާލާފައިވަނީ ކޮންމެވެސް މަސައްކަތެއް ކުރުމަށް ކަމަށާއި، ނަމަވެސް އެކަން ކޮށްފައިވަނީ ކޮންބައެއްކަން އަދި ސާފުވެފައި ނުވާކަމަށެވެ.

މާލޭ ހުކުރު މިސްކިތް މިހާރު ހުރި ގޮތަށް ބިނާކޮށްފައިވަނީ އިސްކަންދަރު ރަސްގެފާނުގެ އަމުރުފުޅަށް މީލާދީން 1600 ގެ އަހަރުތަކުގައެވެ. ހުކުރު މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓްގައި ހިމަނާފައިވާ ބިނާއެކެވެ.