ޚަބަރު

ކުރުދީންގެ މައްސަލައިގައި އެމެރިކާގެ އިންޒާރު ތުރުކީވިލާތައް


ސޫރިޔާގައި ތިބި އެމެރިކާ ސިފައިން އެގައުމުން ފޭބުމަށް ފަހު ތުރުކީވިލާތުން ކުރުދީ ހަނގުރާމަވެރި ޖަމާޢަތްތަކަށް ހަމަލާތައް ދީފިނަމަ، ރައްދުގައި އެމެރިކާއިން ތުރުކީވިލާތާ ދެކޮޅަށް ވަރުގަދަ އިޤްތިޞާދީ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. ކުރުދީންނަށް ހިމާޔަތްދިނުމަށް ތުރުކީވިލާތަށް އެމެރިކާއިން ގޮވާލާފައިވާ ގޮވާލުންތަކަށް އިޖާބަ ނުދޭނެކަމަށް މީގެ ކުރިންވެސް ތުރުކީން ވަނީ ބުނެފައެވެ.

މިކަމާ ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން އެއްބާރުލުންދެމުންދާ ކުރުދީ ހަނގުރާމަވެރިންނަށް ތުރުކީން އެއްވެސް ހަމަލާއެއް ދީފިނަމަ އެމެރިކާއިން އިސްވެ، އިޤްތިޞާދީ ގޮތުން ތުރުކީވިލާތް އިނދަޖައްސާލާނެކަމަށެވެ.

އެހެންނަމަވެސް މިކަމުގައި އެމެރިކާއިން އަޅާނެ ފިޔަވަޅުތަކެއް ޓްރަމްޕް ބަޔާންކުރައްވާފައެއް ނުވެއެވެ.ޓްރަމްޕް ވަނީ ކުރުދީ ހަނގުރާމަވެރިން އިސްވެ ތުރުކީވިލާތަށް ޖެއްސުންކުރުމުގެ އެއްވެސް ޢަމަލެއް ހިންގައިގެން ނުވާނެކަމަށް ވެސް ވިދާޅުވެފައެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، ސޫރިޔާގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ބޭލިނަމަވެސް ސޫރިޔާގައި އަދިވެސް ހަރަކާތްތެރިވަމުންދާ އައި.އެސް ހަނގުރާމަވެރިންނަށް އެމެރިކާއިން ހަމަލާ ދެމުން ގެންދާނެކަމަށެވެ.