ޚަބަރު

ނާއިބު ރައީސް ހިންމަފުއްޓަށް ޒިޔާރަތްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ކ. ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގެ ޙާލަތު ބައްލަވާލައްވައިފިއެވެ. މި ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ދިނުމަށް ހިންގާ ސެންޓަރެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެތަނުން ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލިބެމުންދާ ކުރިއެރުންތަކާ ގުޅޭ މައުލޫމާތާއި، ފަރުވާ ދިނުމުގައި ދިމާވާ ދަތިތަކާ ގުޅޭ މައުލޫމާތު އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ.

އަދި އެސެންޓަރުން ފަރުވާ ހޯދާ ފަރާތްތަކާވެސް ނައިބްރައީސްވަނީ ބައްދަލުކުރައްވާފައެވެ. ފަރުވާ ހޯދަމުންދާ ފަރާތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނާއިބުރައީސް ފައިޞަލް ނަސީމް ވިދާޅުވީ، ފަރުވާދޭ ސެންޓަރުތައް އިތުރުކުރުމަށްވުރެ، ޢަމާޒަކަށް ވާންވާނީ ޑްރަގްގެ ވަބާގައި ނުޖެހުމަށްކަމަށެވެ. އަދި ރިހެބުން ފަރުވާ ހޯދައިގެން ނިކުންނަ ކޮންމެ މީހަކީވެސް ޤައުމަށާއި، އެފަރާތެއްގެ އާއިލާއަށް އަޅާލުންދޭ ހަރުދަނާ މީހަކަށް ވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ފަރުތުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރުގެ ނިޒާމުފަދަ މަސައްކަތްތައް ފުޅާވަމުންދާއިރު، މި ދާއިރާތަކަށް ދިވެހި ޒުވާނުންގެ ޙިއްސާ ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.

ހިންމަފުށީ ގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންދަނީ، އަމިއްލައަށް އެދިގެން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ކޮށްފައިވާ މީހުންގެ ތެރެއިން ޑްރަގްގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނެވެ. އެގޮތުން މިހާރުވެސް 186 މީހުން ރިހެބުން ފަރުވާ ހޯދަމުންދެއެވެ. މީގެތެރޭގައި ހިމެނެނީ 176 ފިރިހެނުންނާއި، 10 އަންހެނުންނެވެ. މީގެ ތެރޭގައި އަމިއްލައަށް އެދިގެން ފަރުވާ ހޯދަމުންދާ 4 މީހުން ހިމެނެއެވެ.

ރިހެބުންދޭ ފަރުވާއަކީ 4 މަހާއި 6 މަހާ ދެމެދުގެ މުއްދަތަކަށްދޭ ފަރުވާއެކެވެ. އެގޮތުން ޑޮކްޓަރީ ފަރުވާއާއި، ކައުންސިލިންގ ދިނުމާއި، ދިރިއުޅުމުގެ ރީތި އާދަތައް އަށަގެންނެވުމާއި، ހުނަރު ދަސްކޮށްދިނުންފަދަ ކަންކަން ފަރުވާ ޕްރޮގްރާމްގެ ތެރޭގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ހިންމަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ކައުންސިލާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެރަށަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ މައުލޫމާތު އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނި އެރަށު ސިއްޙީ މަރުކަޒަށާއި، ސްކޫލަށް ޒިޔާރަށް ކުރައްވައި އެތަންތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، ހިންމަފުއްޓަށް ކުރެއްވި ޒިޔާރަތުގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފާއި، ނޭޝަަނަލް ޑްރަގް އެޖެންސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.