ޚަބަރު

މަގުތަކުގައި ހަދާ ރޭމްޕްތައް އަލުން ފަރުމާ ކުރަނީ


މާލޭ މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓުތައް ނެގުމަށްފަހު ތަޖުރިބާ ކުރުމަށް ހެދި ރޭމްޕްތަކުގެ ފަރުމާ ބަދަލުކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެންބަރު އަޙްމަދު ނިޔާޒް ވިދާޅުވީ މާލެ ސިޓީގެ މަގުތަކުގައި ހަދާ ރޭމްޕްތައް ޑިޒައިން ކުރީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ބޭނުންކުރެވޭނެ ގޮތަށްކަމަށެވެ. އަދި ފުރަތަމަ ހެދި ރޭމްޕަކީ ތަޖުރިބާ ކުރުމަށް ހެދި ރޭމްޕެއް ކަމަށާއި، މި ޑިޒައިން ޓެސްޓް ކުރުމަށްފަހު ރޭމްޕްގެ ޑިޒައިން ބަދަލުކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިޑިޒައިން ބަދަލުކުރަން ނިންމާފައިވަނީ ރޭމްޕް މަތީގައި މީހުން ސައިކަލު ޕާކުކުރާތީކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. ނިޔާޒު ވިދާޅުވީ މާލޭގެ ގިނަ ސަރަޙައްދުތަކެއްގައި ރޭމްޕް ބަހައްޓަން ނިންމާފައިވާއިރު އެހުރިހާ ތަންތަން ފުލުހުންނަށް އަބަދު މޮނިޓަރ ނުކުރެވޭނެތީ، ސައިކަލް ޕާރކް ނުކުރެވޭ ގޮތަށް ޑިޒައިނަށް ބަދަލުގެނައުމަށް ނިންމާފައިވާކަމަށެވެ.

ފުލުހުންނާ ގުޅިގެން މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގައި ހުރި ޕެލެޓުތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު މިހާތަނަށް 1200 އަށްވުރެ ގިނަ ޕެލެޓު ނަގާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.