ސިޔާސީ

ގައުމުގެތަރަށްގީއަށް ހުރަސްއަޅާނަމަ އެކަމުގެ ދެރަކުރިމަތިވެދާނެ-


ޤާނޫނު އަސާސީ ހިމާޔަތް ކުރުމަށްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި ގައުމުގެތަރަށްގީގެ މަޝްރޫއުތަކަށް ހުރަސްއަޅާނަމަ އެކަމުގެ ދެރަކުރިމަތިވެދާނެކަމަށް އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް އަޙްމަދު ވިދާޅުވެއްޖެއެވެ.އެމްޑީއޭގެ ލީޑަރ މިހެން ވިދާޅުވީ، އެޕާޓީގެ ކޮންގްރެސް ނިންމުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.އެމްޑީއޭގެ ކޮންގްރެސްގައި ވަނީ ޕާޓީގެ އިސްމަޤާމްތަކަށްވެސް މެމްބަރުން އިންތިޚާބުކޮށްފައެވެ.ދެދުވަހުގެ މުއްދަތަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ އެމްޑީއޭގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރުކަމަށް އިންތިގާލީ މަރުހަލާގައި ވެސް އެ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވަނީ އިންތިޚާބުކޮށްފައެވެ.ޕާޓީގެ ނައިބު ލީޑަރަކަށް އިންތިހާބުވެފައި ވަނީ އިންތިގާލީ މަރުހަލާގައި ވެސް ނައިބު ލީޑަރުކަން ކުރެއްވި ތިން ބޭފުޅުން ކަމަށްވާ، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ އިތުރުން އައިޝަތު ރަފިއްޔާއެވެ.އެމްޑީއޭގެ ކޮންގްރެސްގައި އިސްލާހުކުރި އެޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެމަތިން ޕާޓީގެ ލީޑަރަށް ލިބިދީފައިވާ ބާރުގެ ދަށުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޕާޓީގެ ނައިބް ލީޑަރަކަށް އައްޔަން ކުރައްވާފައެވެ.ޕާޓީގެ ލީޑަރަކަށް އިންތިޙާބުވުމަށްފަހު ވާހަކަ ދައްކަވަމުން ސިޔާމް ވަނީ ޤާނޫނު އަސާސީ ހިމާޔަތް ކުރުމަށްކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މިހަރަކާތުގައި ބައިވެރިވާ ފަރާތްތަކަކީ، ގައުމަށް ވައްކަމާއި، މާރާމާރީއާއި، އެފަދަ ކުށްތަށް ގެނެސްފައިވާ ބައެއްކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ އެފަދަ ކުށްތައް މަދުވެފައިކަމަށް ސިޔާމް ވިދާޅުވިއެވެ.އޭނާވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން ނިކުމެގެން އުޅެނީ ވެރިކަމުގެ ދަހިވެތިކަމުގައިކަމަށާއި، އެފަރާތްތަކުން ޤާނޫނީ ވެރިކަމެއް ވައްޓާލުމަކީ ޤާނޫނު އަސާސީއާއި ޚިލާފު ކަމެއްކަމަށެވެ.އެމްޑީއޭގެ ގައުމީ މަޖިލީހަށް ހޮވާ ދިހަ މެމްބަރުންނާއި، ޒުވާނުން މަޖިލީހުގެ ރައީސާއި، ނައިބު ރައީސް އަދި އަންހެނުން މަޖިލީހުގެ ރައީސާގެ މަގާމަށް ވެސް  ވަނީ މީހުން އިންތިޚާބުކޮށްފައެވެ.ޕާޓީގެ އިސްމަގާމްތަކަށް ހޮވުމު ފަރާތްތަކާއި މުޚާތަބުކުރައްވާ ސިޔާމް ވިދާޅުވީ،ޕާޓީގެ އިސް ފަރާތްތަކަކީ، ވަރަށް ބޮޑު ޒިންމާއެއް ކޮނޑުގައި އެޅިފައިވާ ބައެއްކަމަށެވެ. އެހެންކަމުން އެފަރާތްތަކުގެ މަސްއޫލިއްޔަތު ނުއުފުލައިފިނަމަ އޭގެ ފައިދާ އިދިކޮޅު ފަރާތްތަކުންނަގާނެކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.ސިޔާމްވަނީ ޕާޓީގެ މެމްބަރޝިޕް ފަންސާސް ހާސް މެމްބަރުންނަށް އިތުރުކުރުމަށް މަސައްކަތްކޮށްދެއްވުމަށް މެމްބަރުންނަށް އިލްތިމާސްކޮށްފައެވެ.އެމްޑީއޭގެ ގައުމީ މަޖިލީހުގައި 35 މެމްބަރުން ތިއްބަވާ. އެމްޑީއޭގެ ކޮންގްރެސްގައި އިސްމަޤާމްތަކަށް ބޭފުޅުން އައްޔަން ކުރުމަށް ދުއުސައްތަ އެކާވީސް މެމްބަރުން ވޯޓުލާފައިވެއެވެ.