ކުޅިވަރު

ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް ފުވައްމުލަކުގައި


ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް, ފުވައްމުލަކު ސިޓީގައި ބާއްވަން ނިންމައިފިއެވެ.

ބާރަ ވަނަ ޖޫނިއަރ އެތްލެޓިކްސް މުބާރާތް ފުވައްމުލަކު ސިޓީގައި ބާއްވަން ނިންމާފައިވަނީ މުބާރާތް ބާއްވަން ބޭނުންވާ ރަށްރަށަށް ހުޅުވާލި ބިޑް ފުވައްމުލަކު ސިޓީއިން ކާމިޔާބުކުރުމުންނެވެ. އެތްލެޓިކްސް މުބާރާތް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށް ފުވައްމުލަކު ސިޓީގެ އިތުރުން ދެ ރަށަކުން ބިޑް ހުށަހަޅާފައިވާކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ. އެއީ ގދ ތިނަދޫއާއި ހދ ކުޅުދުއްފުއްޓެވެ.

ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ ބިޑް ފުވައްމުލަކު ސިޓީއިން ކާމިޔާބުކުރުމާ ގުޅޭ ގޮތުން ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަޤިމް ވިދާޅުވީ، މުބާރާތް ފުވައްމުލަކު ސިޓީގައި ބޭއްވުމަށް ނިންމީ ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ފެނުނީ ފުވައްމުލަކު ސިޓީކަމަށް ވާތީކަމަށެވެ.
"އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ބިޑްތަކެއް ހުށަހަޅާފައިވަނީ ފުވައްމުލަކު ސިޓީ އަދި ގދ ތިނަދޫއިން. އެބޭފުޅުންގެ އެ ހުށަހެޅުމަށް ބަލާފަ، އަޅުގަނޑުމެންނަށްވެސް އެންމެ ރަނގަޅު ކަމަށް ފެންނާތީ އަޅުގަނޑުމެން ނިންމީ މާޗް މަހުގައި ބާއްވާ ޖޫނިއަރ ޗެމްޕިއަންޝިޕް ފުވައްމުލަކު ސިޓީގައި ބާއްވަން" އެތްލެޓިކްސް އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް ވިދާޅުވިއެވެ.

މުންތަޤިމް އިތުރަށް ވިދާޅުވީ ފުވައްމުލަކުސިޓީގައި ގިނަ މުބާރާތްތަކެއް ބޭއްވިއްޖެ ކަމަށެވެ. އަދި ހުރިހާ މުބާރާތެއްވެސް ނިންމާލީ ވަރަށް ކާމިޔާބުކަމާއެކު ކަމަށާއި މިފަހަރުގެ މުބާރާތްވެސް ކާމިޔާބުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިފަހަރުގެ މުބާރާތް ހުޅުވާލެވިފައި ވަނީ ހަތަރު އުމުރުފުރާ އަކަށެވެ. އެއީ 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ.

ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕަކީ، ގައުމީ މުބާރާތަށްފަހު އެންމެ ބޮޑު ފައިސާގެ އިނާމެއް ކަނޑައަޅާފައިވާ އެތްލެޓިކްސް މުބާރާތެވެ.