ކުޅިވަރު

ހުރިހާ އެސޯސިއޭޝަނެއްގެ ވެރިންނަށް ތިބީ ޝަވީދު ބޭނުންވާ މީހުން - ބައްސާމް


ރާއްޖޭގެ 19 އެސޯސިއޭޝަންގެ ވެރިންގެ ގޮތުގައި ތިބީ އެމްއޯސީގެ ރައީސް މުޙައްމަދު ޝަވީދު ބޭނުންވާ މީހުންކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް މިހެން ވިދާޅުވީ އެފް.އޭ.އެމް ހިންގުމުގައި ޝަވީދުގެ ނުފޫޒް ވަރަށް ބޮޑުކަމަށް ގިނަބަޔަކު ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ، ރާއްޖޭގެ ކުޅިވަރުގެ އެންމެ ނުފޫޒް ގަދަ ބޭފުޅަކީ މުހައްމަދު ޝަވީދުކަމަށެވެ. އެހެންނަމަވެސް އެފްއޭއެމް ހިންގުމުގައި ޝަވީދުގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމަށް ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަނަކަށް މުޙައްމަދު ޝަވީދު ހުރިއިރު، އޭރުގެ ޖެނެރަލް ސެކެޓްރީއަކީ ބައްސާމެވެ. އޭގެ ފަހުން ބައްސާމް އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލެއްވިއިރު، ބައްސާމަށް އެންމެ ބޮޑަށް ތާއީދުކޮށް ކެމްޕެއިންކޮށްދެއްވީވެސް ޝަވީދެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމްއިން ނިންމަންޖެހޭ ވަރަށް މުހިއްމު ކަންތައްތަކުގައި އޭނާގެ ހިޔާލު ދެގޮތަކަށް ހުރެއްޖެނަމަ، ޝަވީދުގެ އަރިހުން ލަފަޔަކަށް އެދޭކަމަށެވެ.

"އެފް.އޭ.އެމް ހިންގުމުގައި ޝަވީދުގެ އެއްވެސް ނޫފުޒެއް ނޯންނާނެ. ހަމައެކަނި ވަރަށް މުހިއްމު ކަންކަމުގައި އަޅުގަނޑުގެ ޙިޔާލު ދެގޮތަކަށް ގެންގުޅޭތީ ލަފަޔަކަށް އެދި ޝަވީދު ކައިރި އަހާލަން" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތް 19 ކުޅިވަރު އެސޯސިއޭޝަންގެވެސް ރައީސްކަމަށް މިދިޔަ ދެ ދައުރުގައިވެސް އިންތިޙާބުވީ ޝަވީދު ބޭނުންވާ ފަރާތްތަކުންކަމަށެވެ. އަދި މި މަޤާމްތަކަށް އެ ބޭފުޅުން އިންތިޙާބުވީ ޝަވީދުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

"ރާއްޖޭގައި އެބައޮތް ނަވާރަ ކުޅިވަރު އެސޯސިއޭޝަން. މި ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުގެ ރައީސް ކަމަށް އެންމެ ފަހުގެ ދެ ދައުރުގައިވެސް އިންތިޙާބުވެފައި މިތިބީ ޝަވީދު ބޭނުންފުޅުވާ ފަރާތްތަކުން. އެއީ އަދި ޝަވީދުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު. ހަމައެގޮތަށް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށްވެސް ޝަވީދު އިންތިހާބުވެޑައިގަތީ މި އެސޯސިއޭޝަންތަކުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު" ބައްސާމް ވިދާޅުވިއެވެ.

ކުޅިވަރުގެ އާއިލާއަށް ނިސްބަތްވާ ގިނަބަޔަކު ގަބޫލްކުރާގޮތުގައި މިފަހުން ދިވެހި ކުޅިވަރުގެ ތާރީހުގައި ދުށް އެންމެ ވަރުގަދަ އެއް ބޭފުޅަކީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އެވެ. އެގޮތުން އޭ.އެފް.ސީގައި ވެސް ޝަވީދުގެ ބާރު އޮންނަކަމަަށް ގިނަބަޔަކު ދެކެއެވެ.