ޚަބަރު

ޔަމަނަށް 32 މިލިޔަން ޑޮލަރުގެ އިންސާނީ އެހީ ދިނުމަށް އދން ނިންމުން


ޔަމަނުގެ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގައި އުފެދިފައިވާ ބަނޑުހައިހޫނުކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެ ޤައުމަށް ބައްތިރީސް މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައިވާކަމަށް އދން ބުނެފިއެވެ.

ނިއު ޔޯކްގައި ހުންނަވާ ވާހަކަދައްކަވަމުން އދގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ވިދާޅުވީ، އދން އިތުރަށް ދޭ މި ފައިސާގެ އެހީ މެދުވެރިކޮށް ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމާޢަތުން ޔަމަނުގައި ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިކަން ލިބިގެންދާނެކަމަށެވެ.

މި ގޮތުން، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވައިގެ މަގުން ކުރާ ދަތުރުތައް އިތުރުކޮށް، އިންސާނީ އެހީ ފޯރުކޮށްދޭ މަސައްކަތްތެރިން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްތަކުގައި އެހީވެ، މިކަމުގައި ހަރުދަނާ މުވާސަލާތީ ވިއުގައެއް ބިނާކުރުމަށް އެ ފައިސާ ޚަރަދުކުރެވޭނެކަމަށް އދގެ ތަރުޖަމާނު ވިދާޅުވިއެވެ.

ވަރލްޑް ފުޑް ޕްރޮގްރާމްގެ އިސްވެރިޔާ ޑޭވިޑް ބީސްލީ ވިދާޅުވެފައިވަނީ، މުޅި ޔަމަނުގައި އިންސާނީ އެހީދޭ ފަރާތްތަކުން އެތައް މިލިއަން މީހުންނަށް އެހީތެރިވަމުންދާ ކަމަށެވެ. 2015 ވަނަ އަހަރުއްސުރެ ޔަމަނުގައި ކުރަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ އެތައް މިލިއަން މީހުން އުޅެމުންދަނީ ބަނޑުހައިހޫނުކަމުގެ ތެރޭގައެވެ.