ކުޅިވަރު

ފީފާ ކައުންސިލަށް މާޔަން ހޮވައިދިނުމަކީ ގައުމީ ކަމެއް: ބައްސާމް


ފީފާގެ އަންހެން މެންބަރުންގެ ހިމެނޭ ކައުންސިލަށް ރާއްޖޭގެ ފަރާތުން މަރިޔަމް މުހައްމަދު (މާޔަން) ހޮވައިދިނުމަކީ ގައުމީ ކަމެއް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ގައުމީ ފުޓްބޯޅަ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް މިހެން ވިދާޅުވީ ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ބައްސާމަށް މި ސުވާލު އަމާޒު ކުރެވުނީ މާޔަން އަށް ކެމްޕޭން ކޮށްދެއްވުމަށް އެދި ކުޅިވަރާ ބެހޭ ވަޒީރު އަހުމްދު މަހުލޫމްގެ އަރިހުން އެދި އޭނާ ކުރެއްވި ޓުވީޓަށް މަހްލޫފް ޖަވާބު ދެއްވާފައިނުވާތީ އެވެ.

ބައްސާމް ވިދާޅުވީ މާޔަން ފީފާ ކައުންސިލަށް އިންތިހާބުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އަދި އެކަން ވެއްޖެނަމަ އެއީ ދިވެހިރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށާއި ފުރަތަމަ ފަހަރަށް ދިވެހި އަންހެނަކު ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ކައުންސިލަށް ހޮވުމަކީ ވަރަށް ބޮޑު ޝަރަފަކަށްވާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ މިފަދަ ކަންކަމުގައި ދުނިޔޭގެ ގައުމުތަކުން މަސައްކަތް ކުރަނީ ގައުމީ ކަމެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ. ކުޅިވަރާ ބެހޭ ވަޒީރު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސާ ބައްދަލުކުރެއްވި ވަގުތު އެކަމަށް އެދިވަޑައިގަތީ ގައުމަށް ލިބޭ ޝަރަފަކަށްވާތީ ކަމަށެވެ. އަދި ކުރިމަގުގައި މަހްލޫފްގެ އެއްބާރުލުން މިފަދަ ކަންކަމުގައި ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"މިއީ މާޔަންގެ އެކަނި ކަމެއްނޫން. މިއީ ހަމައެކަނި އެފްއޭއެމްގެ ކަމެއްވެސް ނޫން. މިއީ މުޅި ރާއްޖޭގެ ކަމެއް. ރާއްޖެ މިދަނީ ފީފާގެ ކައުންސިލްއަށް. ފުޓްބޯޅައިގެ އެންމެ އެންމެ މަތީ ފަންތިއަށް ރާއްޖެއަށް މިދެވެނީ. ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާއަށް ރާއްޖެ ދިއުމަށްޓަކައި ކުރަމުންދާ މަސައްކަތެއް މިއީ. އެހެން ގައުމްތަކުގައި މިސައްކަތް ކުރާއިރު، މުޅި ގައުމް އޮންނާނީ އެ މެންބަރުގެ ފަހަތުގަ. މިއީ މުޅި ގައުމް މާޔަންގެ ފަހަތަށް އަރަންވީ ވަގުތު. އަޅުގަނޑު ޓުވީޓް ކުރީ މިނިސްޓަރ އޭއެފްސީގެ ރައީސް ޝެޢިޙް ސަލްމާންއާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާތީ، އެބައްދަލުވުމުގައި މާޔަންއަށް ސަޕޯޓްކޮށްދީ އެވާހަކަ އެ ބައްދަލުވުމުގައި ދެއްކުމަށް އެދި." އެފްއޭއެމްގެ ރައީސް ބައްސާމް ބުންޏެވެ

ކުޅިވަރާ ބެހޭ ވަޒީރު ކަމަށް މަހްލޫފް ވަޑައިގަތުމަށްފަހު އެފްއޭއެމާ ދެމެދު ވަނީ ވަރަށް ބޮޑު ކޯޅުމެއް ފެށިފަ އެވެ. ނަމަވެސް ބައްސާމް ވިދާޅުވީ މިއީ ބައިނަލްއަގްވާމީ ގަވާއިދުތަކަށް މިނިސްޓަރު ފަރިތަނުވުމުން އެރި އޮޅުންތަކެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.