ކުޅިވަރު

ޔުނައިޓެޑުން އިނގިރޭސި ގައުމީ ކޯޗު ޝޯޓް ލިސްޓްކޮށްފި


މެންޗެސްޓާރ ޔުނައިޓެޑްގެ ކޯޗަކަށް ގެނައުމަށް އިނގިރޭސި ގައުމީ ކޯޗު ގެރެތް ސައުތް ގޭޓް ޝޯޓްލިސްޓް ކޮށްފި އެވެ.

އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި ސައުތް ގޭޓް ހޯދުމަށް ޔުނައިޓެޑުން ވިސްނަން ފެށީ ޓޮޓެންހަމުގެ މިހާރުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ނުލިބިދާނެހެން ހީވުމުންނެވެ. އޭނާ ވަނީ މި ސީޒަން ފެށުމުގެ ކުރިން ޓޮޓެންހަމާއެކު ކޮންޓްރެކްޓް ވެސް އާކޮށްފައެވެ. ނަމަވެސް ޕޮޗެޓީނޯ އަކީ ޔުނައިޓެޑުގެ އިތުރުން ރެއާލް މެޑްރިޑުން ވެސް ހޯދަން ބޭނުންވާ ކޯޗަކަށްވުމުން ޔުނައިޓެޑަށް އޭނާ ނުގެނެވިދާނެ ކަމުގެ ބިރު އެބައޮތެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ހަތަރު ވަނަ މަގާމު އިނގިރޭސީންނަށް ހޯދައިދިން ސައުތް ގޭޓް ވެސް ހުރީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށް ކޮންޓްރެކްޓް ކޮށްގެންނެވެ. އަދި އިނގިރޭސި އެންމެ ޝަރަފުވެރި ކޯޗުގެ ވަޒީފާ ދޫކޮށް ޔުނައިޓެޑްގެ މަގާމަށް އޭނާ ނުގޮސްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް މީޑިޔާތަކުން ބުނެ އެވެ. ސަބަބަކީ ޔުނައިޓެޑްގެ ކޯޗުގެ މަގާމަކީ ކުރިމަގުގައި ވެސް ހުސްވެދާނެ ވަޒީފާއަކަށްވުމެވެ.

ޔުނައިޓެޑަށް މިހާރު ކޯޗުކޮށްދެމުން އަންނަނީ އެކުލަބުގެ ކުރީގެ ފޯވަޑް އޮލޭގަނާ ސޯލްޝެއާ އެވެ. ސީޒަން ނިމެންދެން ވަގުތީގޮތުން ކޯޗަކަށް އޭނާ ގެނައީ އެ މަގާމުން ހޯސޭ މޮރީނިއޯ ވަކިކޮށްފަ އެވެ. ޗެލްސީ އާއި ރެއާލް މެޑްރިޑް އަދި އިންޓަމިލާނުގެ ކުރީގެ ކޯޗު މަގާމުން ވަކިކުރީ ނަތީޖާތައް ގޯސްވުމާއި ސީނިއާ ކުޅުންތެރިންނާ އޮތް ގުޅުން ގޯސްވުމުންނެވެ.

ސޯލްޝެއާ ނަތީޖާތައް ރަނގަޅުކޮށްފިނަމަ އޭނާ އަށް ދާއިމީ ކޯޗުކަން ދިނުން ވެސް އެކަށީގެންވެ އެވެ. މިހާތަނަށް އޭނާގެ ކޯޗުކަމުގައި ޔުނައިޓެޑް ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ލީގުގައި މިރޭ ޔުނައިޓެޑް ނުކުންނާނީ ޓޮޓެންހަމާ ދެކޮޅަށެވެ. މިއީ ކޯޗުކަމާ ހަވާލުވި ފަހުން ސޯލްޝެއާ އަށް ކުރިމަތިވާނެ އެންމެ ވަރުގަދަ މެޗެވެ.