ޚަބަރު

5 އަހަރު ދުވަހުގެ ތެރޭގައި 40،000 ވަޒީފާ އުފެއްދުމަކީ ސަރުކާރުގެ އަމާޒެއް- އިކޮނޮމިކް މިނިސްޓަރ

ސަރުކާރުގެ އަމާޒަކީ ޤައުމުގެ އިޤްތިޞާދު ފުޅާކޮށް ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތެރޭގައި 40،000 ވަޒީފާ އުފެއްދުންކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްއުސްތާޛް ފައްޔާޟް އިސްމާއީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މަންދު ކޮލެޖުގެ ކެރިއާ ގައިޑެންސް ޕްރޮގްރާމް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަންދު ކޮލެޖުގެ ކެރިއާ ގައިޑެންސް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްއުސްތާޛް ފައްޔާޟް އިސްމާއީލް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަމިއްލަ ކުންފުނިތަކުގެ ފުރިަހަމަ ބައިވެރިވުމާއިއެކު ޤައުމުގެ އިޤްތިޞާދު ފުޅާކޮށް ހަރުދަނާކުރުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ކުންފުނިތައް ކުރިއެރުވުމަށް ކުރީ ސަރުކާރުން އެކަށީގެންވާ ފުރުޞަތު ފަހިކޮށްދީފައިނުވާ ކަމަށާ، ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ ޤައުމުގެ އިޤްތިޞާދީ ފުއްދުންތެރިކަން އިތުރުކުރުމުގައި ސަރުކާރުގެ ކުންފުނިތަކެކޭ އެއްގޮތަށް އަމިއްލަ ކުންފުނިތަކަށްވެސް ފަހި ފުރުޞަތުތަށް ފަހިކޮށްދިނުންކަމަށެވެ. އެގޮތުން މި ސަރުކާރުގެ ވަޒީފާގެ ފުރުޞަތު އިތުރުކުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ފަސްއަހަރުގެ ތެރޭގައި 30،000 އާއި 40،000އާ ދެމެދުގެ އަދަދަކަށް ވަޒީފާގެ ފުރުޞަތު އުފެއްދުމަށް އަމާޒުހިފާފައިވާކަމަށް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ތިރީސް ހާހާއި ސާޅީސް ހާހަކަށް ވަޒީފާ އުފެއްދޭތޯ މަސައްކަތް ކުރާނަން. މިކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ބޭނުންވޭ. ޚާއްސަކޮށް ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ ކޮލެޖުތަކުގެ އެހީތެރިކަން ސަރުކާރަށް ބޭނުންވޭ. އަދި މިކަންކުރުމަށް ޕްރައިވެޓް ކޮލެޖްތަކަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދޭނަން." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ތަޢުލީމީ ދާއިރާއަކީވެސް މުހިންމު ދައުރެއް އަދާކުރެވިދާނެ ދާއިރާއެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޕްރައިވެޓް ސެކްޓަރއަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށެވެ. އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށް، ޓެކްނިކަލް ގޮތުން މި ދާއިރާއަށް ބޭނުންޖެހިފައިވާ ކުރިއެރުންތައް ގެނައުމަށް ޕްރައިވެޓް ސެކްޓަރއަށް މުހިންމު ދައުރެއް އަދާކުރެވިދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާއި ދިވެހި ފަންނުވެރިކަމަކީ ބޭރުގެ ފަރާތްތަކަށް ޝައުޤުވެރިވާފަދަ ކަންކަމަށް ހެދިއްޖެނަމަ އޭގެ މަންފާ ކުރާނެކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިނިސްޓަރ މަލީޙް ވިދާޅުވިފަދައިން ބިދޭސީން މަދުކުރުމަށްވުރެ ބޮޑަށް ވަޒީފާއަދާކުރަން ބޭނުންވާ ހުރިހާ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތަށް ދިނުން. ރާއްޖެ އުފެދިފައިވާ ގޮތުގެ މައްޗަށް ބިނާކޮށް މެރިން ބައޮލޮޖީފަދަ މާއްދާތަކުން ބޭރުން މީހުން ކިޔަވަން އަންނަ ޤައުމަކަށް ރާއްޖެ ހަދަން އަޅުގަނޑުމެންނަށް ހެދޭނެ." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

މި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގައި އުޅޭ ބިދޭސީން މަދުކުރުމުގެ ބަދަލުގައި ހުރިހާ ދިވެހިންނަށް ވަޒީފާގެ ޔަޤީންކަން ފޯރުކޮށްދިނުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކުރީ ސަރުކާރުން 96000 ވަޒީފާ އުފެއްދުމަށް ވައުދު ވެފައި އޮތްއޮތުމަށް ނިސްބަތްކުރައްވައި، އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، އެހާ ވަރަށް ވަޒީފާ އުފެއްދިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާ، ނަމަވެސް ވަޒީފާގެ އިތުރު ފަހި ފުރުޞަތު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.