ޚަބަރު

މަންދު ކޮލެޖުން ޚާއްޞަ ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ފަށައިފި


މަންދު ކޮލެޖުން ސަރުކާރުގެ އިދާރާ ތަކާ ގުޅިގެން ޚާއްޞަ ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ސްކޫލް ނިންމާފައި ތިބި ދަރިވަރުންނަށް ކުރިއަށްދާންވީ ރޮނގު ޚިޔާރުކުރުމަށް އެހީތެރިވެ ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށް މަންދު ކޮލެޖުން ބުނެއެވެ. އެގޮތުން މި ކެރިއަރ ގައިޑެންސް ޕްރޮގްރާމްގައި، ސިއްޙީ ދާއިރާގެ މަޢުލޫމާތުތަކާއި، މަސްވެރިކަމާއި ޑައިވިންގެ މަޢުލޫމާތުތައް ޙިއްސާކުރާނެކަމަށް އެ ކޮލެޖުން ބުނެއެވެ. މީގެ އިތުރުން ފޮޓޯ ގްރަފީއާއި ޓުއަރިޒަމްގެ އިތުރުން ތަޢުލީމީ ދާއިރާގައި ހުރި ފުރުޞަތުތައްވެސް ޙިއްސާ ކުރާނެކަމަށް މަންދު ކޮލެޖުން ބުނެއެވެ.

މިއަދު މެންދުރު ދެގަޑި ތިރީހުގައި ފެށި މި ޕްރޮގްރާމް މިރޭ ދިހައެއް ޖަހަންދެން ކުރިއަށްދާނެކަމަށް މަންދު ކޮލެޖުން ބުނެއެވެ. މަންދު ކޮލެޖުގެ އެސިސްޓެންޓް ޑިރެކްޓަރ ވިދާޅުވީ މި ފެއަރ ގައި ބައިވެރިވާ ފަރާތްތަކަށް ކުރިއަށްދާނެ ދާއިރާއެއް ކަނޑައެޅުމާއި، މަތީތައުލީމު އުނގެނެން ބޭނުންވާ ދާއިރާއެއް ކަނޑައެޅުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

މި ފެއަރއަށް ޒިޔާރަތްކުރާ މީހުންނަށް މަޢުލޫމާތުދިނުމަށް ޙަރަކާތްތެރިވާނީ އެކި އެކި މިނިސްޓްރީތަކުގެ މުވައްޒަފުންކަމަށް މަންދު ކޮލެޖުން ބުނެއެވެ. މި ފެއަރގައި 15 އެއްހާ ދާއިރާއަކާ ގުޅޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ރާއްޖޭގައި އާންމުކޮށް ކުދިން ކިޔަވަމުންދާ ދާއިރާތަކާއި ތަފާތު ދާއިރާތައްވެސް ހިމެނެއެވެ.