ޚަބަރު

އިސްރާއީލުން ދިން އުދުވާނީ ހަމަލާތަކެއް ސޫރިޔާއިން ހުއްޓުވައިފި


އިސްރާއީލުން ދިން އުދުވާނީ ހަމަލާތަކެއް ސޫރިޔާއިން ހުއްޓުވައިފިއެވެ.

ސޫރިޔާގެ ސިފައިން ނެރުނު އަސްކަރީ ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ ފައިޓަރ ޖެޓްތަކުން ހުކުރުދުވަހުގެ ރޭ ދަންވަރު، ދިމިޝްގުގެ ވަށައިގެންވާ ސަރަހައްދުތަކަށް އެތައް ރޮކެޓެއް ފޮނުވާލިކަމަށެވެ.

އެހެންނަމަވެސް އޭގެތެރެއިން މަދު ރޮކެޓެއް ނޫނީ ސޫރިޔާގެ ވައިގެ ދިފާއުން ހުއްޓުވާފައިވާކަމަށް ބުނެފައިވެއެވެ. އަދި އިސްރާއީލުން ދިން ބައެއް ހަމަލާ އޭގެ އަމާޒަށް ޥާސިލް ވެފައިނުވާ ކަމަށްވެސް ސޫރިޔާ ސިފައިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސޫރިޔާގެ ރަސްމީ ނޫސް އެޖެންސީ "ސާނާ" ބުނާގޮތުން އިސްރާއީލުން ދިން ހަމަލާތަކުގެ ތެރެއިން ގެއްލުން ލިބުނީ ހަމައެކަނި ދިމިޝްގު އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުގައިވާ ގުދަނަކަށެވެ.

އަދި ސޫރިޔާގެ ރައްދު ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ފައިޓަރ ޖެޓްތައް އައިކޮޅަށް އެނބުރި ދިޔަކަމަށްވެސް ސޫރިޔާގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ. އިސްރާއީލުގެ މި ޢުދުވާނާއެކުވެސް ދިމިޝްގު އިންޓަނޭޝަނަލް އެއާޕޯޓްގެ ވައިގެ ދަތުރުފަތުރު ހުއްޓުމެއްނެތި ކުރިޔަށްދާކަމަށް އެ ގައުމުން ބުނެއެވެ.