ޚަބަރު

ސްރީލަންކާއަށް ބޭރު ފައިސާ ލިބުން ވަނީ ދަތިވެފައި: ވިކްރަމަސިންހަ

ސްރީލަންކާގެ އިޤުތިޞާދު ހީނަރުވެފައިވުމުގެ ސަބަބުން ޤައުމަށް މާލީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ވެރިރަށް ކޮލަންބޯގައި ދެއްވި ބަޔާނެއްގައި ރަނިލް ވިދާޅުވީ މިދޔަ އަހަރުގެ ފަހުކޮޅު ކުރިމަތިވި ސިޔާސީ ހަމަނުޖެހުންތަކާގުޅިގެން ސްރީލަންކާގެ ފައިސާގެ އަގު ވެއްޓި ބޭރުފައިސާގެ ރިޒަރވުން އެއް ބިލިއަން ޑޮލަރު މަދުވެފައިވާތީ، ސްރީލަންކާގެ ބެލަންސް އޮފް ޕޭމަންޓަށާއި ބޭރު ފައިސާގެ ރިޒަރވްއަށް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެ ކަމުގެ ސަބަބުން ބައިނަލްއަޤުވާމީ މުވައްސަސާތަކަށް ދަރާފައިވާ ދަރަނި އަދާކުރަން ބޭނުންވާ ބޭރުފައިސާގެ ދަތިކަން ވަރަށް ބޮޑުކަމަށެވެ.

ސްރީލަންކާގެ މަރުކަޒީ ބޭންކް ބުނާގޮތުން ދަރަނީގެ ފައިސާ އަނބުރައި ދެއްކުމަށް މިއަހަރު އެކަނިވެސް ފަހެއް ޕޮއިންޓް ނުވައެއް ބިލިޔަން ޑޮލަރު ބޭނުންވާނެއެވެ. މީގެ ތެރެއިން ދޭއް ޕޮއިންޓް ހައެއް ބިލިޔަން ޑޮލަރު ދެއްކުމަށް ރަނިލްގެ ސަރުކާރުން މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ދަރަނި ދެއްކުމުން ކުރިމަތިވާ ބޭރުފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި ޗައިނާއިން ފަސްސަތޭކަ މިލިޔަން ޑޮލަރު އަދި އިންޑިޔާއިން ހަތަރު ސަތޭކަ މިލިޔަން ޑޮލަރު ލިބޭތޯ ރަނިލްގެ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ޖަޕާނުންވެސް ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ސްރީލަންކާ ސަރުކާރުން ބުނެއެވެ.

ރަނިލްގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހު މިދިޔަ އޮކްޓޯބަރުމަހު ސްރީލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ ބޮޑުވަޒީރުކަމުން ރަނިލް ދުރުކޮށް އެމަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވާފައެވެ.

ނަމަވެސް ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި ރަނިލްގެ ޔުނައިޓެޑް ނެޝަނަލް ޕާޓީގެ އަޣްލަބިއްޔަތު އޮތުމުން ރާޖަޕަކްސައަށްވަނީ، މަގާމުގައި ދެމިހުރުމަށް ބޭނުންވާ ރުހުން ލިބޭގޮތް ނުވެފައެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި މަޖިލިސް އުވާލައި އަވަސް އިންތިޚާބަކަށް ދިޔުމަށް ސިރިސޭނާ ނިންމެވި ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެކަމަށް ސްރީލަންކާގެ ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާއެކު މިދިޔަ ޑިސެމްބަރު މަހު ސިރިސޭނާވަނީ ރަނިލްއާ އަލުން ބޮޑުވަޒީރުކަން ހަވާލުކުރައްވާފައެވެ.

ސިރިސޭނާއާއި ރަނިލްއާ ދެމެދު މިދިޔަ އަހަރުގެ ފަހުކޮޅު އުފެދުނު ސިޔާސީ އަރާރުންތަކާއެކު ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ދަތިތަކުގެ ސަބަބުން އެ ގައުމުގެ ބޭރުފައިސާގެ ރިޒާވުން އެއް ބިލިއަން ޑޮލަރު ޚަރަދުވެ ފައިސާގެ އަގުވަނީ ވަރަށްބޮޑަށް ވެއްޓިގެން ގޮސްފައެވެ.