ޚަބަރު

ރީތި ބީޗް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ބ.އަތޮޅުގައި ހިންގާ ރީތި ބީޗް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިއަދު ހެނދުނު 11 ޖަހާ އެހާކަށްހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ކަމެއްވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިހާދިސާގައި އަލިފާން ރޯވެފައިވަނީ އެރިސޯޓްގެ އިންޖީނުގެ ހުންނަ އިމާރާތުގެ ތެރޭގައި ހުންނަ ދެ ގުދަނުގަކަމަށް އެރިސޯޓުން މައުލޫމާތުދެއެވެ.

މިހާދިސާ ހިނގުމާއެކު މުޅިރަށުން ވަނީ ކަރަންޓް ކަނޑާލާފައެވެ.

މިއަލިފާން ނިއްވުމަށް ރިސޯޓުގެ މުވައްޒަފުން ކުރި މަސައްކަތުން ވަނީ ބައިގަޑިއެއްހާއިރުގެ ތެރޭގައި އަލިފާން ކޮންޓްރޯލް ކޮށްފައެވެ.

ރޯވި ގުދަނުގައި ހުރީ ކެމިކަލް އާއި އިންޖީނުގޭގައި މަސައްކަތް ކުރުމަށް ބޭނުންކުރާ ސާމާނުކަމަށް އެ ރިސޯޓުން ބުނެއެވެ. މި ހާދިސާގައި އެރިސޯޓަށް ފެން ފޯރުކޮށްދިނުމަށް ބަހައްޓާފައިހުރި ފެންޕްލާންޓްތަކަށްވެސް ކޮންމެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާކަމަށް އެރިސޯޓުން ބުނެއެވެ.

އެރިސޯޓްގައި މިހާރު 200އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ތިބިކަމަށް އެ ރިސޯޓުން ބުނެއެވެ. މިހާދިސާގެ ރިޕޯޓް ލިބުމާގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ ޓީމެއްވެސް ވަނީ އެ ރިސޯޓަށްގޮސްފައެވެ. މިހާދިސާ ތަޙްޤީޤު ކުރުމަށް ބ.އޭދަފުށީގައި ހުންނަ މޯލްޑިވްސް ޕޮލިސްސާވިސް ގެ ޓީމެއްވެސް މިހާރު ދަނީ އެރިސޯޓްގައި ހަރަކާތްތެރިވަމުންނެވެ.