ޚަބަރު

މާލޭގެ މަގުތަކުގައި ހުރި ޕެލެޓްތައް ނަގަން ފަށައިފި


މާލޭގެ މަގުތަކުގައި ހިނގާ މީހުންނަށާއި ވެހިކަލްތައް ޕާކް ކުރަން ދަތިވާގޮތަށް ބަހައްޓާފައިހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ފުލުހުންނާއި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތަކީ މާލެއަކީ އިޖްތިމާޢީގޮތުން ރައްކާތެރި ތަނަކަށް ހެދުމަށް ސިޓީކައުންސިލުން ފަށާފައިވާ މަސައްކަތުގެ ދަށުން ކުރަމުންދާ ކަމެއްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މާލޭގެ މަގުތަކުގައި ގިނަ ޢަދަދަކަށް ލަކުޑިއާއި ދަގަނޑާއި ކޮންކްރީޓުން ހަދާފައިހުންނަ ޕެލެޓު ބަހައްޓާފައި ހުންނަ އިރު އެފަދަ ޕެލެޓުތަކާހެދި ހިނގާބިނގާވެ އުޅުމަށާއި ސައިކަލު ޕާކުކުރުމަށް ދަތިތައް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ސިޓީކައުންސިލަށް ލިބެމުންދާކަމަށް އެ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޕޭވްމަންޓް މައްޗަށް އަރައި ފޭބުމަށް ޚާއްޞަ ކޮށްފައި ހުންނަ ތަންތަނާއި މީހުންނަށް ދަތިވާގޮތަށް ޕެލެޓާއި އެނޫންވެސް ތަކެތި ބަހައްޓާފައި ހުންނަ ތަންތަން ބަލައި އެ ތަކެތި ނެގުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ކައުންސިލުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިޓީ ކައުންސިލްގެ މެންބަރު ހުސެއިން ޝަރީފް ވިދާޅުވީ މިތަކެތި ނަގާއިރު، ގަރާޖްތަކާއި ކްލިނިކްފަދަ ތަންތަނުގެ ކުރިމަތީގައި ޕާކް ނުކުރެވޭގޮތަށް ހެދުމަށް ޚާއްޞަ ހުއްދައެއް ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެ ހުއްދައަށްއެދި ސިޓީކައުންސިލަށް ހުށަހެޅުމުން ސިޓީކައުންސިލުން އެކަމަށް ޚާއްޞަ ބޯޑެއް ދޫކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގުތަކުގައި ތަރުތީބެއްބެތި ޕެލެޓްތަކާއި އެނޫންވެސް އެކި އެއްޗެހި ބަހައްޓަމުން ގެންގޮސްފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ވަކި އުސޫލިތަކެއް ނެތުމުން ކަމަށެވެ. އެހެންކަމުން އެކަމަށް އެކަށީގެންވާ އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުންދާކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭގެ މަގުތަކުގައި ހުރި ޕެލެޓުތައް ނެގުމުގެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާއިރު، ހެނދުނު ދިހައެއްޖެހުމާ ހަމައަށް 500އަށްވުރެ ގިނަ ޕެލެޓް، މާލޭގެ މަގުމަތިން ނަގާފައިވާކަމަށް ސިޓީކައުންސިލުން ބުނެއެވެ.

ސީޓީކައުންސިލުން ބުނީ، ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ބޮޑެތި މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓްތައް ނެގުމުގެ މަސައްތަކްތަކަމަށެވެ. އަދި، މާލޭގެ ބައެއް ގަރާޖްތައް ފަދަ ތަންތަނުގެ ކުރިމަތީގައި ޕާކް ނުކުރެވޭގޮތަށް ދަމާފައިހުންނަ ޗޭނުފަދަ ތަކެތިވެސް ނަގަމުންދާކަމަށް ސިޓީކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ ޕެލެޓުނެގުމަށް ފެށި މަސައްކަތުގެ ސަބަބުން މާލޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުން އަންނަ ގަރާޖު ފަދަ ތަންތަންވެސް ފާހަގަކުރެވިގެންދާނެ ކަމަށެވެ.

މާލޭގެ ބައެއް މަގުތަކުގައި ފިހާރަތަކާއި ގޭގޭގެ ދޮރުމަތީގައިވެސް ޕެލެޓް ބަހައްޓާފައި ހުންނަކަން ފާހަގަކޮށްލެވެއެވެ. އަދި ބައެއް މަގުތަކުގައި ވެހިކަލް ޕާކް ކުރަން ދަތިވާވަރަށްވެސް ޕެލެޓް ބަހައްޓާފައި ހުރެއެވެ.