ޢުމުރުން ދުވަސްވީ މީހުންނަށް އެންމެ އެކަށޭނެ މަރުކަޒެއް ޤާއިމުކުރުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވީ އެކި ސަބަބުތަކާހެދި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން ގެންދާ އުމުރުން ދުވަސްވީމީހުން ބޭތިއްބުމަށް މިހާރު ޤާއިމުކޮށްފައިވާ މަރުކަޒުގައި އެފަރާތްތަކަށް އެންމެ އެކަށީގެންވާ ޚިދުމަތްތައް ލިބެމުން ނުދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ޢުމުރުން ދުވަސްވީ މީހުން ބަލަހައްތަމުން ގެނަދަނީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކަމަށާ، އެއީ އެކި ކަހަލަ ސިކުނޑީގެ އުނިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްފައިވާ މަރުކަޒެއްކަމަށެވެ. އެހެންކަމުން އެތަނުގައި ބަލަހައްޓަމުންގެންދާ ޢުމުރުން ދުވަސްވީމީހުންނަށް ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ.
ޖެންޑަރ މިނިސްޓަރ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރި އަމާން ވެއްޓެއް ހޯދައިދިނުމަކީ ސަރުކާރުން އިސްކަމެއް ދީގެންކުރިއަށްގެންދާ ކަމެއްކަމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުނަށް ޚާއްސަ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ރާއްޖޭގައި އިތުރުވަމުންދާކަން ފާހަގަކުރައްވާ، އެކަމަށް ދުރާލާ، ހަރުދަނާ ގޮތްތަކެއް ކަނޑައަޅާ އެފަރާތްތަކަށް މުޖުތަމަޢުގައި ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަންވެސް ފާހަގަކުރައްވާފައެވެ.
"ވަކި މަރުކަޒެއް ނުވަތަ މަރުކަޒު ތަކެއް ޤާއިމްކުރުމުގެ ވިސްނުން ވަރަށް ބޮޑަށް އެބަހުރި. މީގެ ބޭނުމަކީ އެ ފަރާތްތަކަށް ޚާއްސަ ކުރެވިގެން އެތަނުގެ ފެސިލިޓީޒްއާ މިކަންކަން ޤާއިމް ކުރެވިފައި ހުރި މާހައުލެއް ވަށައިގެން ހުރިގޮތައް މަރުކަޒުތައް ޤާއިމް ކުރުމުގެ ވިސްނުން އެބަހުރި. އެއީ އިރާދަކުރެއްވިއްޔާ 100 ދުވަހު ވަޢުދުތަކުގެ ތެރޭގައިވެސް ކޮންމެސް ވަރަކަށް އެ ދިމާލަށް މަސައްކަތްތައް ގެންދާނަން." މިނިސްޓަރ ވިދާޅުވިއެވެ.
ޢުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވުމުގެ މައްސަލަތައް މިނިސްޓްރީއަށް ކޮންމެ އަހަރަކުވެސް ލިބެމުންދާއިރު އަހަރެއްގެ މައްޗަށް އެވްރެޖުކޮށް 70 އަށްވުރެ ގިނަ މައްސަލަ ހުށައަޅާކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ގެވެށި އަނިޔާއާއި އަޅާނުލުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު މިކަންކަމުން މުޖުތަމަޢު ދުރުހެލިކުރުމަށް ހޭލުންތެރިކަން އިތުރުކޮށް ހެޔޮލަފާ މަޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓްރީން ބުނެއެވެ.
އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގެ ކަންކަން އިތުރަށް ހަރުދަނާކުރަންޖެހިފައިވާއިރު، ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަމުންގެންދާ ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގެ ޙާލަތުވެސް ހުރީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަން ޖެންޑަރ މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ އެތަންތަނުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާކަމަށެވެ. އެގޮތުން އެކަމާ ގުޅޭ އުސޫލުތައް އިސްލާހުކޮށް ޢިމާރާތްތައް މަރާމާތުކުރުމާއި މުވައްޒަފުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްކުރުމަށް ނިންމަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިވަގުތު އެތަންތަނުގެ ހާލަތައް ބަލާއިރު އެ ތަންތަނުގެ ހާލަތު ހުރީ އެންމެ އެކަށީގެންވާ ހާލަތެއްގައެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެންގެ ފުރަތަމަ 100 ދުވަހުގެ ވަރަށް ބޮޑު އަމާޒެއް މި ތަންތަނުގައި ތިބޭ ކުދިންނަށް ރައްކާތެރިކަން ކަށަވަރު ކުރުން. މިވަގުތު އަޅުގަނޑުމެން އެތަނުގެ އިމާރާތްތަކަށް ގެންނަންޖެހޭ ބަދަލުތަކާއި އެ ތަނުގައި ކުރަނޖެހޭ މަރާމާތު ތަކާއި ހަމައެއާއެކީގައި މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީން ޕްރޮގްރާމްތަކާއި މިފަދަ ކަންކަން މިދަނީ ބަލަމުން. ބައެއް ކަންކަން ފަށައިގެން ކުރިއަށް އެބަގެންދަން." މިނިސްޓަރ ވިދާޅުވިއެވެ.
ކޮންމެ ކުއްޖަކީ ޢާއިލީ ލޯބި ލިބިގެން ބޮޑުވާ ކުއްޖަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެކަން ފަހިކޮށްދިނުމަށްޓަކާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ބެލެނިވެރިކަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަސޭހައިން ފަހިކޮށްދެވޭނެ ގޮތްތަކެއް، ހެދުމުގެ ގޮތުން ޤާނޫނަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.