ޚަބަރު

ލައިސަންސް ހައްދާއިރު ފަސްޓް ރެސްޕޮންޑަރ ޓްރެއިނިންގ ދޭންފަށަނީ

ޑްރައިވިން ލައިސަންސް ހަވާލުކުރާއިރު ފުރަތަމަ އެހީގެ ތަމްރީނު ދިނުމަކީ ހެލްތް މިނިސްޓްރީގެ އަމާޒެއްކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް އަޙްމަދު ޤާސިމް ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަކީ މަގުމަތީގައި ދިމާވާ އެކި ހާދިސާތަކުން އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށް މުހިއްމު މަސައްކަތެއް ކުރެވިދާނެ ބަޔަކަށްވާއިރު ފަސްޓް ރެސްޕޮންޑަރ ތަމްރީން ލިބިފައި ހުރުމަކީ މުހިންމު ކަމެއްކަމަށެވެ.

އެހެންކަމުން ހަމައެކަނި ހެލްތް މިނިސްޓްރީން ކޮންމެ ފަހަރަކު މިފަދަ ޕްރޮގްރާމަތައް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ކަމާގުޅޭ ފަރާތްތަކުގެ އެހީއާއެކު އެކި މަރުހަލާތަކުގައި މިފަދަ ތަމްރީނުތައް ދިނުމަކީ މުހިއްމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ކަމާ ގުޅުން ހުރި ފަރާތްތަކާ ވާހަކަދައްކައިގެން ޑްރައިވިން ލައިސަންސް ދޭއިރު މިފަދަ ތަމްރީންތައް ދެވޭނެ ގޮތް ހެދުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ކުރަމުންދާކަމަށެވެ. ސައިކަލް ނުވަތަ ޓެކްސީ ޑްރައިވިން ލައިސެންސް ދޭއިރު ދޭ ޓެސްޓްތަކުގެ އިތުރަށް މިފަދަ ޓެސްޓްތައް ދިނުމަކީވެސް މުހިންމު ކަމެއްކަން ފާހަގަކޮށް ޤާސިމް ވިދާޅުވީ މިއީ މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްކަމަށެވެ.

ޑްރައިވަރުންނަކީ ފަސްޓް ރެސްޕޮންޑަރ ތަމްރީނު ލިބިފައިވާ ބައެއްކަމަށް ހެދުމަށް 1200 އަށްވުރެ ގިނަ ޑްރައިވަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށާފައެވެ. މި ތަމްރީން ޕްރޮގްރާމް މިމަހުގެ ތެރޭގައި އަތޮޅުތަރޭގައިވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.