ޚަބަރު

ނިކޮލަސް މަޑޫރޯ ރިޔާސަތުގެ ދެވަނަ ދައުރުގެ ހުވާކުރައްވައިފި


ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ރިޔާސަތުގެ ދެވަނަ ދައުރުގެ ހުވާކުރައްވައިފިއެވެ.

މަޑޫރޯ ރިޔާސަތުގެ ދެވަނަ ދައުރުގެ ހުވާކުރައްވާފައި މިވަނީ އޭނާގެ ރިޔާސަތަކީ ޤާނޫނީ ގޮތުން ސައްޙަ ރިޔާސަތެއް ނޫންކަމަށް އެމެރިކާ އާއި ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. މަޤާމުގެ ހުވާކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން މަޑޫރޯ ވިދާޅުވީ، ވެނަޒުއޭލާއަކީ އެހެން ޤައުމުތަކުގެ ނުފޫޒަށް ބޯލަނބާނެ ޤައުމެއް ނޫންކަމަށާއި، މިކަން ކުރިއަށްތަނުގައި އެ ޤައުމުން ސާބިތުކޮށްދޭނެ ކަމަށެވެ.

އަދި މިއީ ދުނިޔޭގެ އެހެން ޤައުމުތަކަށް ވެނަޒުއޭލާއިން ދައްކާ މިސާލެއް ކަމަށްވެސް މަޑޫރޯ ވިދާޅުވިއެވެ. މަޑޫރޯ މަޤާމުގެ ހުވާ ކުރެއްވުމާއެކު އަވަށްޓެރި ޕެރެގުއާއީން ވަނީ އެ ޤައުމާ އެކު އޮންނަ ސިޔާސީ ގުޅުންތައް ކަނޑާލާފައެވެ.

އަނެއްކޮޅުން، އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ މަޑޫރޯއަކީ ވެނައުޒޭލާގެ ޤާނޫނާ ޤަވައިދާ ޚިލާފަށް އެ ޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންވާފައިވާ ބޭފުޅެއް ކަމަށާއި މިއީ އެމެރިކާއިން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. ވެނެޒުއޭލާގެ ރިޔާސަތާ މަޑޫރޯ އަލުން ހަވާލުވެވަޑައިގެންފައި މިވަނީ އެ ޤައުމަށް އިޤްތިޞާދީ އަދި އިޖުތިމާޢި ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.