ޚަބަރު

ޚާޝޫޤްޖީގެ މައްސަލައިގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް ޤާނޫނު ހަދާ މަޖިލީހުން ފާޑުކިޔައިފި


2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ ސައުދީގެ ކޮންސުލޭޓްގައި އަނިޔާވެރިކޮށް މަރާލި ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝޫޤްޖީގެ މައްސަލައިގައި ސައުދީ ޢަރަބިއްޔާ ޖަވާބުދާރީ ކުރުވުމަށް، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން އެ ޤައުމުގެ ސަރުކާރަށް ގޮވާލައިފިއެވެ.

މިނިވަން ނޫސްވެރިކަން ފާހަގަކުރުމަށް އެމެރިކާގެ ވޮޝިންގްޓަންގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުންނާ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންވެސް ވިދާޅުވެފައިވަނީ، ސައުދީ ނޫސްވެރިޔާ މަރާލި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މިހާތަނަށް އެކަށިގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަމަށާއި މިކަމާ ހިތްހަމަނުޖެހޭ ކަމަށެވެ.

އަދި މި ފަދަ މައްސަލައެއްގައި ފިޔަވަޅެއް އެޅުމުގެ ކުރިން ސައުދީއާއެކު އޮންނަ އިޤްތިޞާދީ ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތަކަށް ބަލައިގެން ނުވާނެ ކަމަށްވެސް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ޑިސެމްބަރު މަހު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ ސެނެޓުން ވަނީ ޚާޝޫޤްޖީ މަރާލި މައްސަލައިގައި ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ކަމަށް ބުނާ ޤަރާރެއް ފާސްކޮށްފައެވެ.