ޚަބަރު

އެމެރިކަން ޔުނިވަރސިޓީގައި ޕޮމްޕެއޯ ދެއްވި ތަޤުރީރަށް ދުނިޔޭގެ ފާޑުކިޔުން އަމާޒުވެއްޖެ


އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާޢަތްތަކަށް މެދުއިރުމަތީގެ ޤައުމުތައް ދޫކޮށްލާފައި ކަމަށާއި، މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ހައިޖާނު އުފެދިފައިވާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ. ޕޮމްޕެއޯ މިހެން ވިދާޅުވެފައިވަނީ މިސްރުގެ ވެރިރަށް ޤާހިރާގައި ހުންނަ އެމެރިކަން ޔުނިވަރސިޓީގައި ދެއްވި ތަޤުރީރެއްގައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިސްރަށް ވަޑައިގެން އެ ޤައުމުގެ ވެރިރަށް ޤާހިރާގައި ހުންނަ އެމެރިކަން ޔުނިވަރސިޓީގައި ދެއްވި ތަޤުރީރުގައި ވަނީ އޮބާމާގެ ސަރުކާރުން މެދު އިރުމަތީގައި ގެންގުޅޭ ސިޔާސަތަށް ހަރުކަށި ފާޑުކިއުންތައް އަމާޒުކުރައްވާފައެވެ. ޕޮމްޕެއޯ ވިދާޅުވީ، އޮބާމާގެ ސަރުކާރުން މެދު އިރުމައްޗާ މެދު ގެންގުޅުނު ސިޔާސަތުގެ ސަބަބުން، ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކަަށް، މެދުއިރުމަތީގެ ޤައުމުތައް ހުށަހެޅިފައިވާކަމަށެވެ.

ޕޮމްޕެއޯ ވިދާޅުވީ، އޮބާމާގެ ސަރުކާރުން ވަނީ މިފަދަ ޖަމާޢަތްތަކުގެ ނުރައްކާތެރިކަން ދެނެގަތުމުގައި ނާކާމިޔާބުވެފައި ކަމަށާއި މިކަމުގެ ސަބަބުން ސަރަހައްދުގައި ހައިޖާނު އުފެދިގެންދިޔަ ކަމަށެވެ. މީގެ އިތުރުން، ސޫރިޔާގެ ހަނގުރާމައިގައި އެ ޤައުމުގެ ސަރުކާރުން ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ދީފައިވާކަމަށް ބުނާ ކެމިކަލް ހަމަލާތަކުގެ ރައްދުގައި އޮބާމާގެ ސަރުކާރުން ސޫރިޔާއާ ދެކޮޅަށް އެކަށިގެންވާ އަސްކަރީ ފިޔަވަޅުތައް އަޅާފައި ނުވާކަމަށް ޕޮމްޕެއޯ ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ސޫރިޔާގައި މިހާރު ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ބޭލިކަމުގައިވިޔަސް، ސޫރިޔާގައި ހަރަކާތްތެރިވާ އައި.އެސް ހަނގުރާމަވެރިންގެ ބާރު އެ ޤައުމުން ކަނޑުވާލާ، އީރާނުން އެ ޤައުމުގައި ކުރިއަށްގެންދާ ގެއްލުންދެނިވި ހަރަކާތްތައް ހުއްޓުވާލުމަށް އެމެރިކާއިން އަދިވެސް ތައްޔާރަށް އޮތްކަމަށެވެ.

އަދި މިކަމުގައި އެމެރިކާއަށް ވާގިވެރިވެދޭ އެހެނިގެން ޤައުމުތަކާއެކު މަސައްކަތްކޮށް، ސިޔާސީ ގޮތުން ކާމިޔާބީ ހޯދާނެ ކަމަށްވެސް ޕޮމްޕެއޯ ވިދާޅުވިއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޤާހިރާގައި ދެއްކެވި ވާހަކަތަކަކަށް ޔޫ.އޭ.އީއިން ވަނީ މަރުޚަބާ ކިޔާފައެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަންވަރް ގަރްގާޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕޮމްޕެއޯގެ މި ތަޤުރީރުގައި ވަނީ މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ނުރައްކާތައް ފާހަގަކުރައްވާފައިކަމަށެވެ. އަދި މިކަމުގައި އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްދެއްވާފައިކަމަށާއި އެ ޤައުމުން އެ ކަންކަމަށް ތާއީދުކުރާ ކަމަށް ގަރްގާޝް ވިދާޅުވިއެވެ.

އެހެންނަމަވެސް، އީރާނުން ވަނީ ޕޮމްޕެއޯގެ މި ވާހަކަތަކަށް ފާޑުކިޔާފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވީ، އެމެރިކާއިން މެދުއިރުމަތިން ފެއަށް ޖެހިލާ ކޮންމެ ފަހަރަކު އެ ބައްރުގައި ހައިޖާނު އުފެދޭ ކަމަށް ޕޮމްޕެއޯ ވިދާޅުވި ނަމަވެސް، ހަޤީޤަތުގައި ކަން ހިނގަނީ މިއާ އިދިކޮޅަށް ކަމަށެވެ.