ވިޔަފާރި

ގެޓްސެޓް ޕްރޮގްރާމް ހުއްޓާލުމަށްފަހު އެސްއެމްއީ ބެންކުން ލޯނު ދޫކުރަން ނިންމައިފި


ގެޓްސެޓްގެ ނަމުގައި ކުރީގެ ސަރުކާރުން ހިންގި ލޯނު ސްކީމް ބަދަލުގައި މިސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ލޯނު ދޫކުރަނީ އެސް.އެމް.އީ ބެންކުންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢިލް ވިދާޅުވީ ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް މިދިޔަ ސަރުކާރުން ގެޓްސެޓް ލޯނުގެ ނަމުގައި 200 މިލިއަނާއި 300 މިލިއަނާއި ދެމެދުގެ އަދަދަކުން ލޯނު ދޫކޮށްފައިވާއިރު އޭރު ދޫކުރި ގެޓްސެޓް ލޯނުގެ ބޮޑު ބައެއް އަނބުރާ ސަރުކާރަށް ލިބިފައިނުވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ކުރީގެ ސަރުކާރުން ގިނަ ލޯނުތައް ދީފައި ހުރީ ވިޔަފާރި ކުރެވޭނެތޯ ޔަޤީންކުރުމަށްފަހުގައި ނޫންކަމަށެވެ.

"ގެޓްސެޓް ލޯނަށް އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި 200 ނުވަތަ 300 މިލިއަން އެބަހުރި ލޯނުގެ ގޮތުގައި ދެއްވާފައި. އަޅުގަނޑުމެން މިއަދު މިތަނަށް އައިސް ބެލިއިރު އޭގެ %70 އަކީ ޑީފޯލްޓް، އަނބުރައެއް ނުދެއްކޭ. އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ އެލާރި އެއީ އެއްވެސް ގޮތަކަށް ވިޔަފާރިވެރިން ކުރިއަރުވަން ދީފަހުރި އެއްޗެއްނޫން. ސިޔާސީ މަޤްސަދަކަށްޓަކައި ޒުވާނުންގެ ސަޕޯރޓް ހޯދުމަށް ދެނީ. އެ ޒުވާނުންނެއްވެސް އަދި ސަރުކާރުންވެސް ނުވިސްނާ ފަހުން އެބޭފުޅުންނަށް އެލާރި ނުދެއްކޭނެ ކަމަކަށް." އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢިލް ވިދާޅުވިއެވެ.

ގެޓްސެޓް ލޯނުގެ ތިންވަނަ ބުރުގެ އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު މިދިޔަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އޭރުގެ ސަރުކާރުން ވަނީ ހުޅުވާލާފައެވެ. މިނިސްޓަރ ފައްޔާޟު ވިދާޅުވީ، މިނިސްޓްރީގެ ކަންކަމާއި ހަވާލުވެވަޑައިގަތްއިރު ގެޓްސެޓް ލޯނަށް އެޕްލިކޭޝަންތަކެއް ލިބިފައިހުރިކަމަށެވެ. ނަމަވެސް މިއަހަރުން ފެށިގެން ގެޓްސެޓް ލޯނު ނުދޭނެކަމަށާއި، އޭގެ ބަދަލުގައި ލޯނު ދޫކުރަނީ އެސްއެމްއީ ބެންކުންކަމަށެވެ.

އެސްއެމްއީ ބޭންކް މެދުވެރިކޮށް ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާނުން އަދި އަންހެނުންނަށް ލޯނުދޫކުރާނެކަމަށާއި، ލޯނު ދޫކުރުމުގެ ކުރިން ދެފުށް ފެންނަ ގޮތަކަށް އިވެލުއޭޓްކުރާނެކަމަށް މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ. މިގޮތުން ލޯނު ދިނުމުގެ ކުރިން ޕްރޮޕޯސަލްއަށާއި، ޤާބިލްކަމަށް ބަލާނެކަމަށާއި، ލޯނު ދެމުން ދާނީ ވިޔަފާރި ކާމިޔާބުވާ މިންވަރަކަށް ބަލައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެސްއެމްއީ ބޭންކް މެދުވެރިކޮށް ފަންނީ އެހީތެރިކަން ދީގެން ކާމިޔާބު ވިޔަފާރިއަކަށް އެ ވިޔަފާރިތައް ހެދުމަށްވެސް އެ މިނިސްޓްރީން އެއްބާރުލުންދީ މަސައްކަތްކުރާނެކަމަށްވެސް މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

"މިފެށުނު އަހަރުން ފެށިގެން އަޅުގަނޑުމެން ގެޓްސެޓް ލޯނެއް ނުދޭނަން. އެހެންނަމަވެސް ލޯނު ލިބޭނެ. އެސްއެމްއީ ބޭންކް މެދުވެރިކޮށް ދެން އިތުރަށް އަޅުގަނޑުމެން ޒުވާނުންނަށްވެސް އަންހެން ބޭފުޅުންނަށްވެސް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް، ގެޓްހައުސް އަދި މަސްވެރިކަމަށްވެސް، އެގްރިކަލްޗަރއަށްވެސް ލޯނުތަށް ހުޅުވާލާނަން. ހަރުދަނާ ބިނާއެއް ޤާއިމްކުރުމަށް މިހާރު މަސައްކަތްތަކެއް މި ކުރެވިގެންދަނީ." އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢިލް ވިދާޅުވިއެވެ.

ކުދި ވިޔަފާރިތަކަށް ހުރި އެންމެ ބޮޑު ދަތިކަމަކީ ފައިސާ ނުލިބުންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން އެސްއެމްއީ ބޭންކް ވެގެންދާނީ ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ބޭންކަކަށްކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެހެން ބޭންކްތަކާއި ޙިލާފަށް މި ބޭންކުން ކުދި ވިޔަފާރިތަކަށް ލޯނުނަގާއިރު ލުއިތަކެއް ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެސްއެމްއީ ބެންކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އެސްއެމްއީ ބެންކު އުފެއްދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.