ކުޅިވަރު

މިއަހަރުން ފެށިގެން ކުލަބްތަށް އޯޑިޓް ކުރާނީ އެފްއޭއެމްގެ އޯޑިޓަރުން - ބައްސާމް


މިއަހަރުން ފެށިގެން ކުލަބްތަށް އޯޑިޓް ކުރާނީ އެފްއޭއެމްގެ އޯޑިޓަރުންކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ދިވެހި ފުޓްބޯލް ޕްރޮގްރާމްގައި ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކުލަބްތަށް ހިންގުން ހަރުދަނާ ކުރުމަށް ނިމިގެންދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށެވެ. ކުލަބް ލައިސަންސް ތަޢާރަފްކޮށް، އެސްއޯއީގެ ދަށުން ގިނަ އަދަދެއްގެ ފައިސާ ކުލަބްތަކާއި އެފްއޭއެމް މެދުވެރިވެގެންވަނީ ހަވާލްކޮށްފައެވެ.

އެސްއޯއީގެ ދަށުން ކުލަބްތަކަށް މިދިޔަ ދެ އަހަރު ގިނަ އަދަދެއްގެ ފައިސާ ހަވާލް ކުރެވުނު ކަމުގައިވީނަމަވެސް ކޮންމެ އަހަރެއް ނިމޭއިރު ކުލަބްއަށް އޮންނަނީ ދަރަނިވެރިވެފަ، އަދި ގިނަ ކުޅުންތެރިންނަށް މުސާރަ ނުދެވިފައެވެ. މިއަހަރުވެސް މާޒިޔާ ފިޔަވާ އެހެން އެއްވެސް ކުލަބްއަކަށް ސީޒަން ނިންމާލެވުނުއިރު ކުޅުންތެރިންނަށް މުސާރަ ދެވިފައެއް ނުވެއެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމްއިން ކުލަބްތަށް ހަރުދަނާ ކުރުމަށް ކުރެވުނު ގިނަ މަސައްކަތްތަށްވަނީ މިހާރު ފެއިލްވެފައި ކަމަށެވެ. އެސްއޯއީގެ ދަށުން ކުލަބްތަކަށް ދީފައިވާ ފައިސާ، އޭގެ އެންމެ ބޭނުންތެރި ގޮތުގައި ހިފިފައިނުވާއިރު، ކުލަބްތަކުގެ އިދާރީ ކަންތަށްތަށްވެސް ހުރީ ބޮއްސުންލާފައެވެ.

މިހާރު ފުޓްބޯޅަ ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތް ކުރުމަށް ކުލަބްތަކުގެ މެނޭޖްމަންޓްވެސް ހަރުދަނާ ވާންޖެހޭކަމަށާއި ކުޅުންތެރިން ކުލަބްތަކަށް ސޮއިކުރާއިރު، އެކުލަބްއަކަށް މުސާރަ ދެވޭވަރަށް ކުޅުންތެރިންގެ މުސާރަތަށް ބެހެއްޓުންވެސް ރަގަނޅުކަމަށް ބައްސާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އޮޓިޑް ކުރާއިރު އިދާރީ ގޮތުންވެސް އޮޑިޓް ކުރާނެނ ކުލަބްތަށް، ހަމައެކަނި މާލީ އޮޑިޓްއެއް ނޫން ކުރާނީ. ކޮންމެ އަހަރަކުވެސް ނިންމާފަ މީގެ ފަހުން ކުލަބްތަށް އޮޑިޓް ކުރާނެ. މިއީ މިހާރު ކުރަން ވަރަށް މުހިންމުކަމެއް. މިހާރު އަޅުގަނޑުމެން މިދަނީ އެފްއޭއެމްގެ އޮޑިޓަރުންނާއި އެކު މިކަންތަށްތަށް ކުރުމަށް މަޝްވަރާ ކުރަމުން. އަދި ކުރިއަށް މިއޮތް ދުވަސްވަރު ކުލަބްތަކާއިއެކުވެސް މިކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފަ. މިހާރު ކުލަބްތަށް ހިންގާގޮތް ބަދަލްކޮށް ޕްރޮފެޝަނަލްކޮށް ހިންގަން އަޅުގަނޑުމެން އެބަޖެހޭ ދަސްކުރަން" ބައްސާމް ވިދާޅުވިއެވެ.

މިހާރު ކުލަބްތަށް މިހިންގަނީ ދެތިން މީހެއްގެ އުފަލަށްކަމަށާއި ފުޓްބޯޅަ ދެކެވާ ލޯތްބެއްގެ ބޮޑުކަމުން ކުލަބްތަށް ހިންގަނީކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި ގިނަ ފަހަރު ކުލަބްތަކުގެ ޗެއާރމަން އަކަށް ހުންނަމީހާގެ ޖީބުން ހަރަދުކޮށްގެންވެސް ކުލަބްތަށް ހިންގާކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި ކުލަބްތަށް ކުރިއަށްއޮތްތާގައި ހަރުދަނާ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ބައްސާމް ވިދާޅުވިއެވެ.