ސިޔާސީ

އެމްޑީޕީއާ ޖޭޕީން އެއްބަސްވުމެއްގައި ސޮއިކޮށްފި


ޤާނޫނު އަސާސީއާ ޤާނޫނުގެ ބާރު ދެމެހެއްޓުމަށް، ރައްޔިތުންގެ މަޖްލީހުގެ ތެރެއިންނާއި މަޖްލީހުގެ ބޭރުންވެސް  އެމްޑީޕީއާ ޖޭޕީ ގުޅިގެން  މަސައްކަތްކުރުމަށްކަމަށްބުނެ ދެޕާޓީން އެކުލަވާލާފައިވާ އެއްބަސްވުމުގައި އެ ދެޕާޓީގެ އިސްވެރިން ސޮއިކުރައްވައިފިއެވެ.މި ދެޕާޓީ ގުޅިގެން ރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މިއެއްބަސްވުމުގައި އެމްޑީޕީގެ ފާރާތުން ސޮއިކުރެއްވީ އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. އަދި  ޖުމްހޫރީ ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއެވެ.މި އެއްބަސްވުމުގައި ހިމެނޭ ކަންކަމުގެ ތެރޭގައި  ޤާނޫނު އަސާސީގެ ރޫހަށް އުނިކަން އަންނަގޮތަށް ކުރެވޭ ކަންކަން ހުއްޓުވުމަށް ދެޕާޓީން ގުޅިގެން ރައްޔިތުންގެ މަޖްލީހުގައި އިންޓަރ ޕާޓީ ޕާލަމެންޓްރީ ގްރޫޕެއް އުފެއްދުމާއި، އެއްބަސްވުމުގެ މަޤްޞަދުތައް ހާޞިލްކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އިންޓަރ ޕާޓީ ކޮމިޝަނެއް އުފެންދުން ހިމެނެއެވެ.މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ޕީޕީއެމްގެ ކެންޑިޑޭޓާއި ގުޅިވަޑައިގަތީ ހަމައެކަނި ސިފައިންނާއި ފުލުހުންނާއި ޖުޑިޝަރީން އެކަމަށް އާދޭސްކުރުމުންކަމަށެވެ.މި ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު މިމަސައްކަތުގައި ގާސިމް އިބްރާހިމްއާއެކު ކޮންމެ ހާލަތެއްގައި ނަމަވެސް ދެމިހުންނަވާނެކަމަށް ވިދާޅުވިއެވެ. އަދި ކަންކަން ބަދަކުވަމުންދާގޮތުން 2018 ވަނަ އަހަރު އަންނަންދެން މަޑުން ތިބެވެން ނެތްކަމަށްވެސް ވިދާޅުވިއެވެ.ދެޕާޓީން އެއްބަސްވުމެއްގައި ސޮއިކޮށްފައިވީނަމަވެސް ޖުމްހޫރީ ޕާޓީން ބުނެފައިވަނީ މިއީ ކޯލިޝަން އެއްބަސްވުމެއް ނޫންކަމަށެވެ.