ޚަބަރު

އުސްގެކޮޅު އެހެންތަނަކަށް ބަދަލުކުރުމުގެ ވިސްނުން ކުރީ ސަރުކާރުން ގެންގުޅުނު - ޔުމްނާ

ރަސްރަނި ބަގީޗާ ތެރޭގައި ހުންނަ އުސްގެކޮޅު އެހެންތަނަކަށް ބަދަލުކުރުމުގެ ވިސްނުން ކުރީ ސަރުކާރުން ގެންގުޅުނުކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ކުރީގެ ދާރުލްއާސާރު ހިންގި އުސްގެކޮޅު އެހެންތަނަކަށް ބަދަލުކުރުމުގެ ވިސްނުން ކުރީގެ ސަރުކާރުން ގެންގުޅުނުކަމަށެވެ. އަދި ފަހުން އެތަން 12 އަހަރަށް ކުއްޔަށް ދިނުމަށް ކުރީގެ ސަރުކާރުން އެގްރިމެންޓެއް ހަދާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފައިވަނީ ކުރީގެ ސަރުކާރުން އުސްގެކޮޅު ކުއްޔަށް ދިނުމަށް ނިންމާފައިވަނީ އަރޓިފިޝަލް ބީޗް އަލުން ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް، އެސަރަޙައްދުގައި ހުރި ކެފޭއެއްނެގުމަށްފަހު، ސެޓްލްމަންޓް އެގްރިމެންޓެއްގެ ގޮތުގައިކަމަށެވެ.

ޕީއެސްއެމްއާއި މަޢުލޫމާތުދެއްވަމުން ހައުސިން މިނިސްޓްރީން ބުނީ އުސްގެކޮޅު ތަރައްޤީކުރުމަށް އެފަރާތާ ޙަވާލުކޮށްފައިވަނީ އޭރުގެ ސަރުކާރުން ދީފައިވާ ކޮންސެޕްޓް "ޗިލްޑްރަންސް ހެރިޓޭޗް ޕްލާޒާ" ކޮންސެޕްޓަށް އެތަން ތަރައްޤީކުރުމަށްކަމަށެވެ.

އަދި އެތަން ކުއްޔައް ދީފައިވަނީ އެއްވެސް އެޑްވާންސްއަކާ ނުލައި މަހަކު 20 ހާސް ރުފިޔާ ދައްކާ ގޮތައް ކަމަށްވެސް ހައުސިންގ މިނިސްޓްރިއިންވަނީ ބުނެފައެވެ. އުސްގެކޮޅު ހުރި ރަސްރަނި ބަގީޗާއަކީ ރާއްޖޭގެ ރަސްރަސްކަލުން ދިރިއުޅުއްވި ގަނޑުވަރު ހުރި ސަރަޙައްދެވެ. އުސްގެކޮޅުގެ ޢިމާރާތަކީ އެގަނޑުވަރުގެ ބައިތަކުގެ ތެރެއިން މިހާރު ފެންނަންހުރި ހަމައެކަނި އަސަރެވެ. އެއީ އައްސުލްތާން މުހައްމަދު އިމާދުއްދީން ހަވަނަ (ހާޖީ އިމާދުއްދީން) ގެ ރަސްކަމުގައި ބިނާކުރެއްވި ގެކޮޅެކެވެ.