ޚަބަރު

ލޮލުގެ ދުޅަހެޔޮކަމާ ގުޅޭ ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލުމަށް މަޝްވަރާކޮށްފި


ލޮލުގެ ދުޅަހެޔޮކަމާ ގުޅޭ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމަށް، ރާއްޖޭއިން ބޭރުގެ ޖަމްޢިއްޔާތަކެއް ހިމެނޭހެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، އިންޓަރނޭޝަނަލް އެޖެންސީ ފޯރ ޕްރިވެންޝަން އޮފް ބްލައިންޑްނެސް (އައި.އޭ.ޕީ.ބީ)އާއި، ކަމާގުޅުންހުރި ގިނަ ފަރާތްތައް ގުޅިގެން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

ދެދުވަހުގެ މުއްދަތަށް މޫކައި ހޮޓެލްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރާއްޖޭގައި ލިބެންހުރި ލޮލުގެ ބަލިތަކުގެ ފަރުވާ ދެނެގަނެ، އިތުރަށް ބޭނުންވާ މުހިންމު ފަރުވާތަކާ ގުޅޭ ކަންކަން ދެނެގަތުން ހިމެނެއެވެ. އަދި ލޮލުގެ ބަލިތަކާ ގުޅޭގޮތުން 2016 ވަނަ އަހަރު ހަދާފައިވާ ސަރވޭއަށް ބިނާކޮށް، ލޮލުގެ ބަލިތަކުގެ ޙާލަތު ދެނެގަނެ، ބަލިތައް މަދުކުުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ޤައުމީ ފެންވަރެއްގައި ލޮލުގެ ބަލިތަކުގެ ފަރުވާ ފޯރުކޮށްދެވޭނެ ގޮތްތަކާއި މި ދާއިރާއިން މީހުން ބިނާކުރުމާއި، ވަސީލަތްތައް އިތުރުކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް ޢަބްދުލް މާހިރު ވިދާޅުވީ ވަކިވަކި ދާއިރާތަކަށް ބަލައި ސިއްޙީ ޙާލަތު ރަނގަޅު ކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.އަދި ރާއްޖޭގެ ސިއްޙީ ޚިދުމަތް ހަމަހަމައަށް ފޯރުކޮށްދީ، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު ގޮންޖުމަކީ ރަށްތައް އުފެދިފައިވާ ގޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޚާއްސަ ސަމާލުކަން ބޭނުންވާ ގިނަ ދާއިރާތައް އެބަހުރި ސިއްޙީ ދާއިޜާގައި. އެގޮތުން ލޮލުގެ ދުޅަހެޔޮަކަމޚީވެސް އިސްކަންދޭންޖެހޭ ކަމެއް. މި ހެދޭ ޕްލޭނާއިއެކު ވަރަށް ބޮޑަށް މިދާއިރާއަް ސަމާލުކަންދީ ފަރުވާތައް ރަނަގަޅޫކުރުަން މަސައްކަތްކުރެވޭނެ." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ލޮލުގެ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަަކަށްވެސް ސަރުކަރުގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ.