ޚަބަރު

ސޫރިޔާއިން އެމެރިކާގެ ފައުޖުތައް ބޭލުމަށް ކުރާ މަސައްކަތަށް ހުއްޓުމެއް ނާންނާނެ: ޕޮމްޕެއޯ


ސޫރިޔާގައި އެމެރިކާއަށް ވާގިވެރިވެދޭ ކުރުދީ ހަނގުރާމަވެރި ޖަމާޢަތްތަކަށް ތުރުކީއިން އިންޒާރު ދިންކަމުގައިވާނަމަވެސް ސޫރިޔާގައި ތިބި އެމެރިކާ ސިފައިން އެ ޤައުމުން ބޭލުމަށް މަސައްކަތަށް ހުއްޓުމެއް ނާންނާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވެފައިވަނީ، އެމެރިކާއިން އެ ޤައުމުގެ ފައުޖުތައް ސޫރިޔާއިން ބާލާނީ ތުރުކީވިލާތުން ކުރުދީ ހަނގުރާމަވެރިން ހިމާޔަތްކުރުމަށް ޝަރުތުކޮށްފައިކަމަށް އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލަކު މި ހަފުތާގެ ކުރީކޮޅު ވިދާޅުވެފައިވާ ވާހަކަތަކަށް ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން ހަރުކަށި ރައްދެއް ދެއްވާދައިވާ ދަނޑިވަޅެއްގައެވެ. މިކަން ވެގެންދާނީ އެމެރިކާއަށް ހެދޭ ގޯހަކަށް ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

އިރާޤަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯ ވިދާޅުވީ، ތުރުކީން މިހެން ބުނިނަމަވެސް އެމެރިކާއިން ދަނީ ހުރިހާ ފަރާތްތަކުންވެސް ރުހޭފަދަ އެއްބަސްވުމެއް އެކުލަވާލުމަށް، ތުރުކީވިލާތާއެކުގައިވެސް މަޝްވަރާކުރަމުން ކަމަށެވެ. ޕޮމްޕެއޯ ވިދާޅުވީ، އައި.އެސްއާ ދެކޮޅަށް އެމެރިކާއިން ކުރި ހަނގުރާމައިގައި އެއްބާރުލުން ދިން ކުރުދީ ހަނގުރާމަވެރި ޖަމާޢަތްތައް ހިމާޔަތްކުރުމަކީ އެމެރިކާއިން އިސްކަންދޭ ކަމެއް ކަމަށާއި، މިކަމުގައި ތުރުކީވިލާތުން މީގެ ކުރިން ވެފައިވާ ވަޢުދުތައް އެ ޤައުމުން ހަނދާންކުރަން ޖެހޭކަމަށެވެ.

އިރާޤަށް ކުރެއްވި ދަތުރުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ އެ ޤައުމުގެ ބޮޑުވަޒީރު އާދިލް ޢަބްދުލްމަހްދީގެ އިތުރުން ރައީސް ބަރްހާމް ސާލިޙާވެސް ބައްދަލުކުރައްވާފައެވެ. އަދި ޕޮމްޕެއޯ ވަނީ ކުރުދިސްތާން ސަރަހައްދަށް ޒިޔާރަތްކުރައްވާ އެ ސަރަހައްދުގެ ލީޑަރުންނާވެސް ބައްދަލުކުރައްވާފައެވެ.