ކުޅިވަރު

ތައްޓަށް ވާދަކުރެވޭނީ ކުލަބުގެ ހިންގުން ބަދަލުކޮށްގެން - ޕޮޗެޓީނޯ


ޓޮޓްނަމަށް ތައްޓަށް ވާދަކުރެވޭނީ އެކުލަބުގެ ހިންގުން ބަދަލުކޮށްގެން ކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނެފިއެވެ.

އޭނާ މިހެން ބުނީ ޓޮޓެންހަމާ ހިލާފަށް އިނގިރޭސި ބޮޑެތި ކުލަބުތަކުން ވަރަށް ބޮޑެތި ހޭދަކުރަމުންދާތީވެ އެކަމަށް އިޝާރާތްކޮށެވެ. މިވަގުތު ޓޭބަލުގެ ހަތަރުވަނާގައި އޮތް ޓޮޓެންހަމް މީގެ ހަތަރު އަހަރު ކުރިން ހަވާލުވުމަށްފަހު ޕޮޗެޓީނޯ ވަނީ އެކުލަބަށް ލީގުގެ ދެ ވަނަ އާއި ތިނެއް އަދި ހަތަރުވަނަ ވެސް ހޯދައިދީފައެވެ. އޭނާ ބުނީ ތަށި ހޯދަން މިހާރުވެއްޖެ ކަމަށާއި އެކަން ކުރެވޭނީ ކުލަބު ހިންގަމުން އަންނަ ގޮތް ބަދަލުކުރެވިގެންކަމަށެވެ.

ޓޮޓްނަމަކީ މި ސީޒަން ފެށުމުގެ ކުރިން އާ ކުޅުންތެރިއަކު ނުގެންނަ ނިންމި އިނގިރޭސި ބޮޑު ހަމައެކަނި ކުލަބެވެ. އަދި މިއީ 2003ގެ ފަހުން ބޮޑު ކުލަބަކުން ތިބި ކުޅުންތެރިންނާއެކު ސީޒަން ފެށި ފުރަތަމަ ފަހަރެވެ. ޓޮޓެންހަމުން މިހާރު ކުރަމުން އަންނަ އެންމެ ބޮޑު މަސައްކަތަކީ އެކުލަބުގެ އާ ސްޓޭޑިއަމް އެޅުމެވެ. ނަމަވެސް މި ސްޓޭޑިއަމް ހުޅުވޭނެ ދުވަހެއް އަދި އިއުލާނެއްނުކުރެއެވެ. މިކަމާހެދި އެކުލަބުގެ މެޗުތައް ކުޅެމުންދަނީ ވެސް އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައެވެ.

ކުލަބުގެ ޗެއާމަން ލީ ބުނެފައިވަނީ އާ ސްޓޭޑިއަމް އަޅަން ބޮޑު ހޭދަތަކެއް ކުރި ނަމަވެސް ކުޅުންތެރިން ގަތުމަށް ހުރަސް ނޭޅޭނެ ކަމަށެވެ.