ކުޅިވަރު

ބޮޑު ތަފާތަކުން ބާޓަން އަލްބިއަން ބަލިކޮށް، ލީގުކަޕް ސެމީއާއި ގާތަށް މެންޗެސްޓާ ސިޓީ ޖެހިލައިފި


އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި ރޭ މެންޗެސްޓަރ ސިޓީއާއި ބާޓަން އަލްބިއަން ވާދަކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ފައިނަލާއި ގާތަށް ސިޓީ ޖެހިލައިފިއެވެ.

ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ސީޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ ނުވައެއް ސުމެއްގެ ނަތީޖާއަކުންނެވެ. މި މެޗު ފެށިތާ ފަސް މިނެޓު ތެރޭގައި ކެވިން ޑެބްރައިނާ ވަނީ ލަނޑެއް ޖަހާ ސިޓީއަށް ލީޑު ނަގައިދީފައެވެ. މި މެޗުގައި ސިޓީގެ ގެބްރިއަލް ޖެސުސް ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އަނެއް ލަނޑުތައް ޖަހައިދިނީ، އޮލެކްސްޒެންޑަރ ޒިންޗެންކޯއާއި ފިލް ފޮޑެން އަދި ކައިލް ވޯކަރގެ އިތުރުން ރިޔާދް މަހްރޭޒެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާވަނީ ލީގް ކަޕްގެ ސެމީ ފައިނަލާއި ހަމައަށް އައުމުން ރޭގެ މެޗުން ބަލިވި އެލްބިއަންއަށް މަރުޚަބާ ކިޔާފައެވެ. ގާޑިއޯލާ ބުނީ މި މެޗަށް ނުކުތްއިރު މާގިނަ ގޯލުތަކެއް ޖެހޭނެކަމަށް އުއްމީދު ނުކުރާ ކަމަށާއި، ނަމަވެސް ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިވަރަށް ގޯލު ޖެހުމުން ހިތްހަމަޖެހޭކަމަށެވެ. މި މެޗުގައި ސިޓީއަށް ހަތަރު ލަނޑު ޖަހައިދިން ގެބްރިއަލް ޖެސުސް އާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، މި މެޗުގައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށާއި، ގިނަ ގޯލުތަކެއް ޖެސޫސް ޖެހުމުން އޭގެ ފައިދާ އެނާއަށާއި ޓީމަށް ކުރާނެކަމަށެވެ.

ލީގު ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި މި ދެޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ސައުވީސް ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ސައުވީސް ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައެވެ.