ކުޅިވަރު

މިއަހަރުވެސް ޕާކިސްތާނުގައި ގައުމީ ކުރިކެޓް ޓީމު ޓްރެއިނިންގް ކޭމްޕެއް ބާއްވާގޮތަށް ހަމަޖެހިއްޖެ


މިއަހަރުވެސް ޕާކިސްތާނަށް ތަމްރީން ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ޕީއެސްއެމްއިން ގެނެސްދިން ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ބޯޑްގެ އެކްސްކޯ މެންބަރ އަލީ މުހައްމަދު މަނިކް ބުނީ ނިމިގެންދިޔަ އަހަރު ޕާކިސްތާންއަށް ކުރި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއްކަމަށާއި އެފަދަ ގައުމެއްގައި ތަމްރީންކުރަން ލިބުމަކީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެއްކަމަށެވެ.

ރާއްޖޭގެ ކްރިކެޓްގެ ހަޔާތުގައި މުޅިން އަލަށް ޕާކިސްތާންގައި ތަމްރީން ހެދުމުގެ ފުރުސަތު މިދިޔަ އަހަރު ލިބިފައިވާއިރު، ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންވަނީ ޕާކިސްތާންގެ އެންމެ މަޝްހޫރު ކުޅުންތެރިންނާއިއެކު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. ކްރިކެޓް ވޯލްޑްކަޕްވެސް ކުޅޭ ފާކިސްތާންގެ ކުޅުންތެރިންނާއިއެކު އެއް ތަނަކުން ކައިހެދުމާއި އެއްކޮށް ފަރިތަކޮށްލަން ލިބުމަކީވެސް ރާއްޖޭގެ ކުޅުންތެރިންނަށް ލިބުނު ރަނުގެ ފުރުސަތެއްކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ބޯޑްގެ އެކްސްކޯ މެންބަރ އަލީ މުހައްމަދު މަނިކް ބުންޏެވެ.

"މިއީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުސެއް. މިދިޔަ އަހަރުގެ މިކޭންޕްއަށްފަހު ކުޅުންތެރިންވަނީ ވަރަށް ބޮޑަށް ކުރިއަރާފަ. ޕާކިސްތާންގެ ނެޝަނަލް އެކަޑަމީގައި ފަރިތަކުރަން ލިބުމުން، ކުޅުންތެރިން އޭރުވެސް ތިބީ ވަރަށް އުފަލުން. އެފެންވަރުގެ ގައުމްއެއްގައި ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމުން ކުޅުންތެރިންނަށް އިތުރު ހިއްވަރެއްވެސް މިހާރުވަނީ ލިބިފަ." އަލީ މުހައްމަދު މަނިކް ބުންޏެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާޙު ވިދާޅުވީ މިއަންނަ މަހުގެ 17 ވަނަ ދުވަހު ފުރާގޮތަށް ޕާކިސްތާން ކޭންޕް މިހާރު ހަމަޖެހިފައިވާކަމަށެވެ. މިކޭންޕްގައި ރާއްޖޭގެ ޓީމުން ފަރިތަކުރަމުންދާނީ ޕާކިސްތާންގެ ނެޝަނަލް އެކަޑަމީގައެވެ.