ކުޅިވަރު

ޖޫންމަހު ސީޒަން ފަށަން އެފްއޭއެމްގެ ކުރީގެ ވެރިންވެސް ބޭނުންވި - ބައްސާމް


ޖޫން މަހަށް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ބަދަލުކުރަން އެފްއޭއެމުގެ ކުރީގެ ވެރިން ވެސް ބޭނުންވި ކަމަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ޖޫން މަހު ސީޒަން ފަށަން ބޭނުންވި ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެކަން ނުކުރެވިއޮތީ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކުލަބުތަކަށް މި އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ގެއްލުމަކީ ޖޫން މަހު ސީޒަން ފަށަން ވާންޖެހޭ އެންމެހާ ތައްޔާރީތައްވުމަށްފަހު ސީޒަން ފަށަން ލިބިގެންދާ ވަރަށް ބޮޑު އެހީތެރިކަމަށްވެއްޖެ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ ކުޅުންތެރިންގެ ކޮންޓްރެކްޓްތައް ވަކިގޮތަކަށް ފައްތައި، ކޯޗުން ތަމްރީނު ކުރެވި އަދި ބޭނުންވާ އެނޫން ވެސް ކަންކަން ސީޒަން ފެށުމުގެ ކުރިން ފުރިހަމަކުރާނެ ކަމަށެވެ.

"މިއީ މިދައުރުގައި ފެށުނުކަމެއް ނޫން، މީގެ ކުރިންވެސް އެފްއޭއެމްގެ ކުރީގެ އިސްވެރިންވެސް މިކަން ކުރުމަށްވަނީ ނިންމާފަ. މިގޮތަށް ހެދުމުން ކުލަބްތަކަށް ސީޒަންއަށް ތައްޔާރުވުމަށް ފުރުސަތު ލިބިގެންދާނެ. ކުރިންވެސް މިކަމަށްވަނީ މަޝްވަރާކޮށްފަ. ނަމަވެސް ގޮތެއް ނުނިމިއޮތީ. ފުޓްބޯޅަ ސީޒަންއަށް މިގެނެވުނު ބަދަލާއެކު މިއަހަރުގެ ފުޓްބޯޅަ ސީޒަން ވަރަށް ފޯރިގަދަވާނެކަމަށް މިބަލަނީ." ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމް އިން މިހާރު ވަނީ މިއަހަރުގެ ފުޓްބޯޅަ ސީޒަން ޖޫންމަހު ފަށާގޮތަށް ނިންމާފައެވެ.