ވިޔަފާރި

ލިވިންގ އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އެލައިޑް


އަންނަ ފެބްރުއަރީމަހު ބާއްވާ މޯލްޑިވްސް ލިވިންގ އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް ކުންފުނި ހަމަޖައްސައިފިއެވެ.

ލިވިންގ އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އެލައިޑް ހަމަޖައްސާފައިވަނީ، ލިވިންގ އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ލިވިންގ އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އެލައިޑް ހަމަޖައްސާ، އެކަމުގެ އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މާކެޓިންގ މެނޭޖަރ ނިއުޝާދް ޝަރީފްއެވެ. މިއެއްބަސްވުމުގައި ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ ހައިރައިޒްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ޝާމިންއެވެ.

އަންނަ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހަށް ކުރިއަށްގެންދާ ލިވިންގ އެކްސްޕޯއަކީ ރާއްޖެއިން ބޭރުގައި ޢިމާރާތާއި އެޕާޓްމަންޓްތަކުގެ ވިޔަފާރިކުރާ ރިއަލްއެސްޓޭޓް ކުންފުނިތައް އެއްތަނަކަށް ގެނެސް، އެ ދާއިރާގައި ހުރި ފުރުޞަތުތައް ދިވެހިންނަށް ހޯދައި ދިނުމަށް ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ އެކްސްޕޯއެކެވެ.

ހައިރައިޒްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ޝާމިން ވިދާޅުވީ މިއަހަރުގެ ލިވިންގ އެކްސްޕޯ އަމާޒު ކުރާނީ ހޯމް ލިވިންގ ލައިފް ސްޓައިލަށްކަމަށެވެ. އަދި މި އެކްސްޕޯގެ ތެރެއިން ދިވެހިންނަށް ލަގްޒަރީ އަދި އަތްފޯރާ ފަށުގައި ވިއްކާ އެޕާޓްމަންޓްތަކާ ގުޅޭގޮތުން މައުލޫމާތު ލިބިގެންދާނެކަމަށް އެކްސްޕޯ ޝާމިން ވިދާޅުވިއެވެ.

އެލައިޑް އިންޝުއަރެންސްގެ މާކެޓިންގ މެނޭޖަރ ނިއުޝާދު ޝަރީފް ވިދާޅުވީ މިއީ ފެބްރުއަރީ މަހުގައި ބާއްވާ އެންމެ ބޮޑު އެއް އިވެންޓްކަމަށާއި އެލައިޑް އިންޝުއަރެންސުން މި އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިންޝުއަރެންސާއި ގުޅޭގޮތުން ހޭލުންތެރި ކުރުވަން ރާވާފައިވާ ކަމަށެވެ.

ލިވިންގ އެކްސްޕޯގެ ކޯ ސްޕޮންސަރުންނަކީ ސްރީލަންކާގެ ލަގްޒަރީ ޕްރޮޕަރޓީ ކުންފުންޏެއް ކަމަށްވާ އޮލްޓިއަރ އާއި އަކުއާ ވީޓާއެވެ. މީގެ އިތުރުންވެސް ގިނަ ޕާރޓްނަރުންނެއް މި އެކްސްޕޯގައި ޙަރަކާތްތެރިވާނެއެވެ. ލިވިންގ އެކްސްޕޯއަކީ 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. މި އެކްސްޕޯއަށް ކޮންމެ އަހަރަކުވެސް ބޮޑު ތަރުޙީބެއްް ލިބެމުން އަންނަ ކަމަށް ހައިރައިޒުން ބުނެއެވެ.