ޚަބަރު

ފޮތްތައް އާދީއްތަ ދުވަހު ލިބޭނެ، އައު އަހަރަށް ސްކޫލްތައް އޮތީ ތައްޔާރަށް


އަންނަ އާދިއްތަ ދުވަހު ހުރިހާ ދަރިވަރުންނަށްވެސް ކިޔެވުމަށް ބޭނުންވާ ފޮތްތައް ލިބޭނެކަމަށާއި، ސްކޫލްތައް ހުޅުވުމަށް ބޭނުންވާ ހުރިހާ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ސްކޫލްތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ޕްލޭންކޮށްފައިވާގޮތަށް ކުރިއަށްދާކަމަށެވެ.

ދިރާސީ އައު އަހަރުގެ ފެށުމަށް ސްކޫލްތައް ތައްޔާރުކުރުމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ސްކޫލް ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަންނަ އާދިއްތަ ދުވަހު ދަރިވަރުންނާ ހަވާލުކުރާނެކަމަށެވެ. ފޮތްތައް ނުލިބިގެން ބެލެނިވެރިން ކަންބޮޑުވާން ނުޖެހޭކަމަށާއި، ކުރިިންވެސް ހަމަޖައްސާފައިވާގޮތަށް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭ ދުވަސްކަމުގައިވާ އަންނަ އާދީއްތަ ދުވަހު ހުރިހާ ދަރިވަރުންނަށްވެސް ޓެކްސްޓް ފޮތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސްކޫލް ފޮތް ދޫކުރާނީ ސްކޫލް ހުޅުވާ ދުވަހުކަން ސްކޫލްތަކަށް އަންގާފައިވަނީ އެންމެ ކުރިންވެސް. ބައެއް ސްކޫލްތަކުން އަވަހައް ނިންމަން ފޮތް ކުރިން އެ ދޫކުރީ. ފޮތްތައް ލިބޭނެ ކުދިންނަށް އާދިއްތަ ދުވަހު. މިކަމާއި ބެލެނިވެރިން ކަންބޮޑުވާކަށް ނުޖެހޭނެ." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ސްކޫލް ކުދިންގެ ޓެކްސްޓް ފޮތްތަކާއި، އެކްޓިވިޓީ ޔުނީފޯމް ލިބުން ލަސްވަމުންދާތީ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިހާތަނަށް އެކްޓިވިޓީ ޔުނިފޯމް ނުލިބޭ ކުދިން ކުރީގެ ޔުނީފޯމް ލެވޭނެގޮތް ހަމަޖައްސާފައިވާކަމަށާއި، އެކްޓިވިޓީ ޔުނިފޯމް ނެތް ކުދިން ޔުނިފޯމް ލިބެންދެން އެ ޔުނިފޯމް ބޭނުން ކުރުން މަޖުބޫރު ނޫންކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ޓީޗަރުން ބޭނުންވެގެން އެދިފައިވާ 153 ސްކޫލަކަށް ޓީޗަރުން ހަމަޖައްސައި ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ބޭނުންވާ ޓީޗަރުންވެސް މިހާރު ހަމަޖެހިފައިވާކަމަށެވެ.

"
"ސްކޫލްތައް އާބާތުރަ ފިލުވުމާއި ބޭނުންވާ ތަކެތިވެސް މިހާރުވަނީ ހަމަކޮށްފަ. މުދައްރިސުން ބޭނުންވެގެން އެދުނު 153 ސްކޫލްގެ މުދައްރިސުންވެސް ހަމަޖެހިއްޖެ. ނަމަވެސް ބައެއް ޓްރެވެލިންގ ކަންކަން މިހާރު ކުރިއަށްދިޔަ ނަަމަވެސް އާއިއްތަ ދުވަހު ސްކޫލް ފެށެންވާއިރަށް ޓީޗަރުން ތިބޭނެ."
މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން ފެށުމަށް ހަމަޖެހިފައިވާ ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓްވެސް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު އަންނަ އާދީއްތަ ދުވަހު ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އާދިއްތަ ދުވަހު 25 ސްކޫލެއްގައި ނާސްތާ ޕައިލެޓް ޕްރޮގްރާމް ފަށާނެ. މިހާރުވަނީ ވަނީ 22 ސްކޫލްގެ ކަންކަން ހަމަޖެހިފައި. އާދިއްތަ އަންނަންވާއިރައް އަނެއް 3 ސްކޫލްގެ ކަންކަން ހަމަޖެހޭނެ." މިިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަކަށް ބަދަލުކުރުމަށް، އެއްކުރަންޖެހޭ ބައެއް މަޢުލޫމާތު އެއްކުރުމަށް އޮޑިޓެއްވެސް ކުރިއަށްދާކަމަށެވެ. އެގޮތުން އެއްދަންފަޅިއަށް ކިޔެވުން ފެށުމަށް އިތުރުކުރަންޖޭހޭ ކްލާސްރޫމްތަކާއި، ވަސީލަތްތަކާ ބެހޭ މަޢުލޫމާތު އެއްކުރަމުންދާކަަށް މިނިސްޓަރ ވިދާޅުވިއެވެ.

70 ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ރާއްޖޭގެ 212 ސްކޫލެއްގައި އަންނަ އާދީއްތަ ދުވަހު ފަށާނެއެވެ. ޕްރީ ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.