ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ހުޅުވައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ހުޅުވައިފިއެވެ. ވިލިމާލޭގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ އިމާރާތެއްގަ ޤާއިމުކޮށްފައިވާ މި ކްލިނިކް ރަސްމީކޮށް ހުޅުއްވާދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރި ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކް ހުންނަނީ ވިލިމާލޭގައެވެ. މި ކްލިނިކް ހުޅުވައި ޚިދުމަތްދޭން ފެށުން އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވީ، ދިވެހިންނަކީ ޒަމާނުއްސުރެވެސް އޮޅުކޮށްގެން ތަފާތު ޖަނަވާރު ގެންގުޅެމުންދާ ބައެއް ކަމަށެވެ.

ފަހަކަށް އައިސް ގިނައަދަދެއްގެ ޒުވާނުން ބުޅަލާއި، ދޫނި ފަދަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ގެންގުޅޭކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިފަތަ ތަކެއްޗަށް އެކަށީގެންވާ ފަރުވާ ލިބޭނެ މަގު ފަހިކޮށްދީ، ދުޅަހެޔޮ މާހައުލެއް ޤާއިމުކޮށްދިނުމަކީ އިސްކަންދޭންޖެހޭކަމެއްކަމަށެވެ. ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރުގެ ދުޅަހެޔޮކަމާއި އެތަކެތި ގެންގުޅޭ މީހުންގެ ދުޅަހެޔޮކަމާ ގުޅިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަލަށް ހުޅުވި ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކްގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރާއްޖޭގައި ގެންގުޅެން ހުއްދަދީފައިވާ ޖަނަވާރުތަކަށް ބޭނުންވާ ބޭސް އެސްޓީއޯއާ ގުޅިގެން އެތެރެކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ޚިދުމަތް ރާއްޖޭގައި ދިނުމަށް ނިންމާފައިވާނީ ޕެޓްގެ ގޮތުގައި ދޫންނާއި ބުޅާފަދަ ޖަނަވާރު ގެންގުޅޭ ފަރާތްތައް އިތުރުވަމުންދާތީއާއި، އެފަދަ ޖަނަވާރުތަކަށް ބޭނުންވާ ފަރުވާ ނުލިބުމުގެ ޝަކުވާ ލިބެމުންދޭ. މިކަމަށް ޙައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ހައްލުހޯދުމަށް ކުރި މިމަސައްކަތް މިއަދު މިވަނީ ކާމިޔާބުވެފައި. އަޚުގަނޑުމެން މިހާރުމިވަނީ، ރާއްޖޭގައި ގެންގުޅެން ހުއްދަދީފައިވާ ޖަނަވާރުތަކަށް ބޭނުންވާ ބޭސް އެސްޓީއޯއާއިއެކު އެތެރެކުރުމުގެ މަސައްކަތް ފަށާފައި." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މި ކްލިނިކްގައި ޚިދުމަތްދިނުމަށް ހަމަޖެހިފައިވާ ޑޮކްޓަރ، ޑރ. އަނޫޝާ ހެމަތީ ވިދާޅުވީ، މިފަދަ ކްލިނިކެއް ހުޅުވުމަކީ ޖަނަވާރު ގެންގުޅުމަށް ލޯބިކުރާ ފަރާތްތަކަށް ލިބުނު އުފާވެރި ޚަބަރެއްކަމަށެވެ. އެގޮތުން މިހާތަނަށް އައި އިރު ރާއްޖޭގައި ވެޓުންގެ ޚިދުމަތް ފޯރުކޮށްދިންގޮތުގެ ސަބަބުން ގިނަ އުނދަގޫތަކެއް ހުރިކަން ފާހަގަކުރައްވަމުން ޑރ. އަނޫޝާ ވިދާޅުވީ އަލަށް ޤާއިމުކުރި ކްލިނިކާއެކު މި ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތައް ހައްލުވެގެންދާނެކަމަށެވެ.

"މިއީ އަޅުގަނޑުމެން ޖަނަވާރުދެކެ ލޯބިވާ ފަރާތްތަކަށް އެންމެ އުފާވާ އެއްކަންތަށް. މި ޚިދުމަތުގެ ދަށުން އައްސިކުރުމާއި، ހޭނެއްތުމާއި، ތަފާތު ބޭސްތަކާއި، އެފަދަ ޖަނަވާރަށް ބޭނުންވާ އޮޕަރޭޝަންތައް ކުރުމުގެ މަސައްކަތްކުރެވޭނެ." ޑރ. އަނޫޝާ ވިދާޅުވިއެވެ.

މީގެކުރިން މިނިސްޓްރީން މި ޚިދުމަތް ދެމުންގެންދިޔައީ މޯބައިލް ވެޓެރިނަރީ ސަރވިސްގެ ނަމުގައި، ޕެޓް ޖަނަވާރު ގެންގުޅޭ ގޭގެއަށް ގޮސްގެންނެވެ. އެގޮތުން އަލަށް ޤާއިމުކުރި ވެޓް ކްލިނިކްއާއިއެކު އައްސިކުރުމާއި، ހޭނެއްތުމާއި، ތަފާތު ބޭސްތަކާއި، އެފަދަ ޖަނަވާރަށް ބޭނުންވާ އޮޕަރޭޝަންތައް ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ.

ފިޝަރީޒް މިނިސްޓްރީއިން ބުނީ މި ޚިދުމަތުގެ ބެލެނިވެރި ފަރާތަކީ އެމިނިސްޓްރީ ކަމަށް ވީ ނަމަވެސް މި ޚިދުމަތް މިނިސްޓްރީގެ ހުއްދަ ނުނަގައި ބައެއް ފަރާތްތަކުން ދެމުންއަންނަކަން ފާހަގަވެފައިވާކަމަށާއި، ހުއްދަ ހޯދައިގެން މި ޚިދުމަތް ދިނުމުގެ ފުރުޞަތު އާންމު ފަރާތްތަކަށްވެސް ހުޅުވާލާފައިވާކަމަށެވެ.

މި ކްލިނިކުން ވެޓެރިނަރީ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 9 އިން މެންދުރުފަހު 2 އަށެވެ. މި ކްލިނިކްގެ ޚިދުމަތްތަކުގެ އަގުތައް އުޅެނީ 50 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގައެވެ.