ވިޔަފާރި

މިދިޔަ އަހަރު އެންމެ ގިނަ މަތިންދާބޯޓު އުފެއްދީ ބޮއިންގ ކުންފުނިން


އެންމެ ގިނައިން މަތިންދާބޯޓު އުފައްދާ ކުންފުނީގެ ޝަރަފު ޖެހިޖެހިގެން 7 ވަނަ ފަހަރަށް އެމެރިކާގެ ބޮއިންގ ކުންފުނިން ހޯދައިފިއެވެ.

އެމެރިކާގެ ބޮއިންގ ކުންފުނިންގ މިދިޔަ އަހަރު 806 މަތިންދާބޯޓު އުފައްދާފައިވާއިރު މިއީ އެކުންފުނިން ކަނޑައެޅި 810 ބޯޓުގެ އަމާޒަށްވުރެ މަދު އަދަދެކެވެ. ނަމަވެސް މިއަދަދާއެކު ބޮއިންގ ވެފައިވަނީ މިދިޔަ އަހަރު އެންމެ ގިނައިން މަތިންދާބޯޓު އުފެއްދި ކުންފުންޏަށެވެ.
ބޮއިންގއާ ވާދަވެރި ޔޫރަޕްގެ އެއަރ ބަސް ކުންފުނިން އުފެއްދި މަތިންދާބޯޓުގެ ރަސްމީ އަދަދު މިހާތަނަށް ހާމަކޮށްފައި ނުވިޔަސް، އެކުންފުނިން އުފެއްދި ބޯޓުތަކުގެ އަދަދު އުޅެނީ 800 ގައިކަމަށް ޚަބަރުތައް ބުނެއެވެ.

އެންމެ ގިނައިން މަތިންދާބޯޓު އުފައްދާ ކުންފުނީގެ ޝަރަފު ބޮއިންގއަށް ލިބިފައިވާއިރު، އެކުންފުނީގެ ޚިއްސާގެ އަގުތައްވެސް ވަނީ އުފުލިފައެވެ. މިގޮތުން ޚިއްސާއެއް 339 ޑޮލަރުގައި އުޅޭއިރު، މިއީ 3.2 އިންސައްތައިގެ ކުރިއެރުމެކެވެ.

ބޮއިންގ ކުންފުނިން މަތިންދާބޯޓު އުފައްދާ މިންވަރު އިންވެސްޓަރުންނާއި ދިރާސާކުރާ ފަރާތްތަކުން އަބަދުވެސް ވަރަށް ގާތުން ބަލައެވެ. އެއީ ކުންފުނީގެ ކޭޝް ފްލޯއާއި އާމްދަނީގެ މަޢުލޫމާތު އެކަމާ ގުޅިފައިވާތީއެވެ.

މަތިންދާބޯޓު އުފެއްދި ނިސްބަތުން ބޮއިންގ ކުންފުނި ކުރީގައި އުޅޭއިރު މިދިޔަ އަހަރު މަތިންދާބޯޓު އުފެއްދުމަށް އެންމެ ގިނަ އޯޑަރު ލިބިފައިވަނީވެސް ބޮއިންގއަށެވެ. މިގޮތުން 893 ބޯޓުގެ އޯޑަރު އެކުންފުންޏަށް ލިބިފައިވާއިރު އެއަރބަސްގެ އަދަދު އުޅެނީ 600 ގައެވެ. ނަމަވެސް 2017 ވަނަ އަހަރާ އަޅާބަލާއިރު ބޮއިންގ އަދި އެއަރބަސް ކުންފުންޏަށް ލިބިފައިވާ އޯޑަރުތައް މަދެވެ. ނަމަވެސް ދެ ކުންފުނިން މަސައްކަތް ނިންމާފައިވާ ހަވާލުކުރި މަތިންދާބޯޓުތަކުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރެވެ.