ސިއްހަތު

ކެންސަރާމެދު ޢާއްމުން ހޭލުންތެރިކުރުވުމަށް ހިނގާލުމެއް ބާއްވައިފި


ކެންސަރު ބައްޔާއިމެދު ޢާއްމުން ހޭލުންތެރިކުރުވުމަށް "ކެންސަރ ވޯރކް"ގެ ނަމުގައި ހިނގާލުމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.އޭ.ޑީ.ކޭ ހޮސްޕިޓަލާއި، ކެންސަރ ސޮސައިޓީ ގުޅިގެން ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީގެ އިތުރުން، ކަމާގުޅުން ހުރި އެކި އިދާރާތަކުގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.ކެންސަރު ބައްޔާއި މެދު އާއްމުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދިޔަ ހިނގާލުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އޭ.ޑީ.ކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވީ، ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދެވުނު މި ހަރަކާތުގެ ބޭނުމަކީ، ކެންސަރު ބައްޔަކީ ކޮބައިކަމާއި، އެބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ވިހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް މައުލޫމާތުދީ، ކެންސަރު ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުންކަމަށެވެ.ކެންސަރު ބައްޔާއިމެދު އާއްމުން ހޭލުންތެރިކުރުމުގައި އިސްދައުރެއް އަދާކުރަމުންދާ ޖަމިއްޔާއެއް ކަމަށްވާ ކެންސަރ ސޮސައިޓީގެ ޗެއަރޕާސަން ޖުއޭރިޔާ ސަޢީދު ވިދާޅުވީ، ކެންސަރު ބައްޔަކީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިއްޖެނަމަ، ފަސޭހަވެދާނެ ބައްޔެއްކަމުން، އެފަދަ ކަންކަމާއިމެދު އާއްމުން ހޭލުންތެރިކުރުވުން މުހިއްމުކަމަށެވެ."ކެންސަރ ވޯރކް"ގެ ނަމުގައި ކުރިއަށް ދިޔަ މި ހިނގާލުމުގައި ކެންސަރު ބައްޔާއި ގުޅޭ ތަފާތު ގިނަ މައުލޫމާތު ހިމެނޭ ލީފްލެޓްތަކެއް އާއްމުންނަށް ވަނީ ބާހާފައެވެ.މި ހިނގާލުމުގެ އިތުރުންވެސް ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެންސަރ ސޮސައިޓީއާއި، އޭ.ޑީކޭ ހޮސްޕިޓަލް ގުޅިގެން އިތުރު ހަރަކާތްތަކެއްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކެންސަރު ބައްޔަށް އާއްމުން ސްކްރީން ކުރުމަށް ދެދުވަހުގެ ޕްރޮގްރާމެއް މާލޭގައި ފަށާފައިވާއިރު، މިފަދަ ހަރަކާތްތައް އަތޮޅު ތެރޭގެ ރަށްތަކުގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ކެންސަރ ސޮސައިޓީން މައުލޫމާތުދެއެވެ.