އޮސްޓްރޭލިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ބްރައިސް ހަޗެސަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޚާއި އެމަނިކުފާނުގެ ނާއިބު ފައިޞަލް ނަސީމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
މިއަދުގެ މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޚް ވަނީ އޮސްޓްރޭލިއާގެ ސަފީރު ދިވެހިރާއްޖެއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ދެ ދެޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ބިނާވެފައި ވަނީ އެއްޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމްގެ މައްޗަށްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ދެޤައުމުވެސް ޝައުޤުވެރިވާ ޞަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށާއި މިއީ ކުރިއަށްއޮތް ތާނގައި ވެސް ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވޭނެ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ކަންބޮޑުވެލައްވާ ކަންތައްތައް ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށާއި ޑިމިގްރާތީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ރައީސް އަލި އަޅުއްވާލެއްވިއެވެ. އަދި ކޮރަޕްޝަން ހުއްޓުވުމާއި، ޝަރުޢީ ދާއިރާ ހަރުދަނާކުރުމާއި އިންސާނީ ވަޞީލަތް ހަރުދަނާ ކުރުމަކީ އޮސްޓްރޭލިއާ އާއި ގުޅިގެން ހައްލުކުރަން ބޭނުންވާ ކަންތައްތަކެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
އޮސްޓްރޭލިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުނުކަން ވަނީ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ. އެއާއެކު ދިވެހި ސަރުކާރުގެ އެ ނިންމެވުމަށް ސަފީރު މަރުހަބާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހާސިލުވަމުންދާތަން ފެންނާތީ އެކަމަށްޓަކައި ސަރުކާރަށް ތައުރީފު ކުރެއްވެވިއެވެ. އަދި ސަފީރެއްގެ ގޮތުގައި ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށާއި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެމެދުގައި އަބަދުވެސް އޮންނަ ގާތް ގުޅުން ކުރިއަށްއޮތް ތަނުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދެން ބައްދަލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމުއާއެވެ. އެގޮތުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ނާއިބު ރައީސް ވަނީ އޮސްޓްރޭލިއާގެ ސަފީރު ކުރެއްވި ޚިދުމަތުގެ އަގުވަޒަން ކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ. އަދި އޮސްޓްރޭލިއާއިއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ޝައުޤުވެރިކަން ނާއިބު ރައީސް ފާޅުކުރެއްވިއެވެ. މީގެ އިތުރުން އޮސްޓްރޭލިއާ ސަރުކާރުން ތައުލީމީ ދާއިރާއިން ދިވެހިރާއްޖެއަށް އަބަދުވެސް ވެދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.