ސިއްހަތު

ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާދޭ ކްލިނިކެއް ދަމަނަވެށީގައި


ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާދޭ ކްލިނިކަކާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިކަން ފޯރުކޮށްދޭ ކްލިނިކެއް ދަމަނަވެށީގައި ހުޅުވައިފިއެވެ.މިއަދު ދަމަނަވެށީގައި އޮތް ރަސްމިއްޔާތެއްގައި މި ދެ ކްލިނިކް ހުޅުއްވާ ދެއްވީ ހެލްތު މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެގެން ދިއުން މަދުކުރުމަށްޓަކާ މިފަދަ ކްލިނިކެއް މުހިންމު ކަމަށެވެ. ހަމައެހެންމެ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި ވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.އެގޮތުން ބައެއް ބަލިތައް ރާއްޖެއިން ނައްތާލެވުމާއި، ޅައުމުރުގައި މަރުވާ ކުދިންގެ ނިސްބަތް ވަރަށް ބޮޑުތަން ކުޑަކުރެވިފައި ވުމަކީ ސިއްހީ ދާއިރާއަށް ލިބުނު ކުރިއެރުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ސަބަބުތައް ކަމަށް ރިކޯޑް ކުރެވިފައިވަނީ ހިތުގެ ބަލިތަކާއި ސްޓްރޯކް ފަދަ ލޭދައުރުވުމުގެ މައްސަލަތަކާއި ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ކެންސަރު ފަދަ ބަލިތަކުގައި ކަމަށާއި، މިފަދަ ބަލިތައް މިހާރު ޒުވާން އުމުރުގައިވެސް ފެންނަމުންދާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. ހަމަ އެހެންމެ އާސަންދައިން އެންމެ ގިނަ ޚަރަދު ކުރެވިފައިވަނީ މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށްކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރައްވައެވެ.އެހެންކަމުން މިފަދަ ކްލިނިކެއްގެ ޚިދުމަތް ލިބިގެން ދިއުމަކީ އެންމެހާ ދިވެހިންނަށް، އަދި ޚާއްސަކޮށް ދިވެހި ޒުވާނުންނަށް ބޭނުންތެރިކަމަކަށް ވާނެކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.