ޚަބަރު

މާލޭގެ ޕްރީސްކޫލްތަކުގެ ކިޔެވުން މިމަހުގެ 20 ވަނަ ދުވަަހަށް ފަސްކޮށްފި

މާލޭގެ ޕްރީސްކޫލްގެ ކިޔެވުން ފެށުން މިމަހުގެ 20 ދުވަހަށް ފަސްކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވީ މާލޭގެ ޕްރީ ސްކޫލްތަކުގެ ކިޔެވުން ފެށުން ފަސްކުރަން ނިންމެވީ ޕްރީ ސްކޫލްގެ ފައިންޑޭޝަން ސްޓޭޖްގެ މަންހަޖަށް ގެނައި ބަދަލާ ގުޅިގެންކަމަށެވެ. އަދި އެ ބަދަލު މުދައްރިސުން ހިއްސާކޮށް މުދަރިސުންނަށް ބޭނުންވާ ތަމުރީނުތައް ދޭންޖެހޭކަމަށާއި އެ މަސައްކަތް އާ ދިރާސީ އަހަރު ފެށޭ ދުވަހު ފައްޓަވާނެކަމަށްވެސް މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

މާލޭގެ ޕްރީ ސްކޫލްތަކުގެ ކިޔެވުން ފަށާ ދުވަސް ފަސްކުރިނަމަވެސް ރަށްރަށުގެ ޕްރީ ސްކޫލްތަކުގައި އާ ދިރާސީ އަހަރާއި އެކު އަންނަ އާދިއްތަ ދުވަހު ކިޔަވާދޭން ފަށާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި އެހެން ހުރިހާ ގްރޭޑެއްގެ ކިޔެވުންވެސް ކުރިއެކޭ އެއްގޮތަށް އަންނަ އާދިއްތަ ދުވަހު ފެށިގެންދާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.